ދުނިޔެ

ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެ މީހަކު މަރާލައިފި

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކެޕިޓަލް ތެރެއަށް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަނެ، ހަމަނުޖެހުން ހިންގައި ބަޑިޖަހައި އަންހެނަކު މަރާލައިފި އެވެ. ވޮޝިންޓަން ފުލުން ވަނީ މިކަން ކަށަަވަރުކޮށްދީފަ އެވެ. މަންޒަރުދުށް މީހުން ފޮކްސް 24 އަށް ބުނީ ވަޒަން އަރާފައި ހުރީ އޭނާގެ މެއަށް ކަމަށެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް އިމާރާތަށް ވަދެގަތީ އިލެކްޓޯރަލް ވޯޓާ މެދު ގޮތެއް ނިންމުމަށްޓަކައި މަޖިލީސް ފަށަން އުޅެނިކޮށެވެ. މިދިއަ އަހަރު ނޮވެމްބަރު ތިނެއްގައި އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު ޖޯ ބައިޑަން ކާމިޔާުބު ކުރެއްވި ނަމަވެސް، ޓްރަމްޕް ވިދާޅުވަނީ ނަތީޖާ ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުން އިލެކްޓޯރަލް ވޯޓާ މެދު ގޮތެއް ނިންމުމަކީ ރަމްޒީ ސަގާފީ ކަމެއް ގޮތުގައި އެމެރިކާގައި ކުރާ ކަމެއް ނަމަވެސް، އިންތިހާބީ މަރުހަލާތައް ނިމެން އަންނަނީ މި ފިޔަވައްސަށް ފަހު އެވެ.

ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތީއްސުރެ، ޓްރަމްޕް އުޅުއްވަނީ ކޮންމެވެސް ކަހަލަ ހަމަނުޖެހުމަކަށް ގޮވާލެއްވުމުގަ އެވެ. ކޯޓަށް ވަޑައިގަތުމާއި ޖަދަލު ކުރެއްވުމުގަ އެވެ. ސަޕޯޓަރުން މަގުތަކަށް ނިކުމެ ގަދަކަން ދެއްކުމަށް ގޮވާލެއްވުމުގަ އެވެ.

ވޮޝިންޓަންގައި ފެށި ހަމަނުޖުންތައް ފުޅާވެ މިހަރު އެހެން އަވަށްތަކަށް ވެސް ފޯރާފައިވާ ކަމަށް ޚަބަަރުތައް ބުނެ އެވެ. އޭގެ ތެރޭގައި ކެންސަސް އާއި ޖޯޖިއާ ހިމެނެ އެވެ. ޓްރަމްޕްގެ ސަޕޯޓަރުން ދަނީ މިއަވަށްތަކުގެ އިމާރާތްތަކަށް ވަދެ ތަކެއްޗަށް ގެއްލުން ދެމުންނެވެ.

ޓްރަމްޕްގެ ތަރުހީބާއެކު ސަޕޯޓަރުން ހިންގާ ހަމަނުޖެހުމަކި ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ދަނީ ބުނެވެމުންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ ވިދާޅުވީ ކެޕިޓަލް އިމާރަތުގައި ހިންގި ހަމަނުޖެހުންތައް ކުށްވެރި ކުރައްވާ ކަމަށެވެ.

އެމެރިކާގެ ރައީސްކަމަށް ހޮވިވަޑައިގެން ހުންނެވި ޖޯ ބައިޑަންގެ ޓްވީޓް

އދ.ގެ އާންމު މަޖިލީހުގެ ރައީސް، ބޮލްކަން ބޮޒްކީރު ވިދާޅުވީ ވޮޝިންޓަންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ދެރަވެ އެކަމާ ލަދުފުޅުގަނެއްޖެ ކަމަށެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި ފެނިވަޑައިގަންނަވަނީ ހުތުރުު އަމަލުތަކެކެވެ. ގާނޫނީ ވެރިކަން ސުލްހަވެރިކަމާއެކު ބަދަލުވާންޖެހޭނެ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ޓްވީޓް
ޓްރަމްޕަށް އިންޒާރުދެއްވުމަށް ޓްވީޓާއިން ނެރުނު އަމުރު

ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، ތިއްބެވީ ކަންބޮޑުވެވަޑައިގެން ކަމަށާއި މަސްރަހު ހައްލު ކުރާނެ ހިތްވަރު އެމެރިގާއި ހުންނާނެ ކަމަށެވެ.

އެމެރިކާގެ ރައީސްކަމަަށް ހޮވިވަޑައިގެން ހުންނެވި ޖޯ ބައިޑަން ވެސް ވަނި ހަމަނުޖެހުންތައް ކުށްވެރި ކުރައްވާފަ އެވެ. ބައިޑަން ޓްރަމްޕަށް ގޮވާލެއްވީ ޓީވީއަށް އަރާވަޑައިިގެން ނަމަވެސް ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެއްވުމަށެވެ.

ޓްރަމްޕްގެ ސަޕޯޓަރުންނަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރައްވާތީ ޓްވިޓާއިން ވަނީ ޓްރަމްޕްގެ އެކައުންޓް ވެސް ބަންދުކޮށްފަ އެވެ. ޓްވީޓާއިން ބުނީ މިފަހަރު 12 ގަޑިއިރަށް އެކައުންޓް ބަންދުކުރި ނަމަވެސް، ގޮތްދޫނުކުރައްވައިފި ނަމަ ދާއިމަށް ވެސް ބަންދުކުރަން ޖެހިދާނެ ކަމަށެވެ.