ދުނިޔެ

ޓްރަމްޕް ވައިޓް ހައުސްއިން ނުކުމެވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުން އާދަކާދައާ ސަގާފަތާ އެއްގޮތަށް އޭނާ އަމަލެއް ނުކުރައް ވާނެ އެވެ. ދައުރު ހަމަވެ އޮފީހުން ނުކުންނަވާ ވަގުތު ލައިގަތް އިރު ވެސް ހުންނެވީ ވިދާޅުވި ގޮތުގަ އެވެ. މިހާރު ވިދާޅު ވަނީ ބައިޑަން ހުވާ ކުރައްވާ ދުވަހު، ހެނދުނު ހެނދުނާ ވައިޓް ހައުސްއިން ނުކުމެވަޑައިގެން އަމިއްލަފުޅު ހިޔާވައްސަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޓްރަމްޕް ވަނީ ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ. މި ވިދާޅުވުމާއެކު އެމެރިކާގައި އިހުތިރާމް ކުރަމުން އައި 200 އެއްހާ ހަރުވީ އެއްބައިވަންތަ އެއްބާރުލެއްވުމަކަށް ބުރޫ އެރީ އެވެ.

އާދައިގެ ހާލަތްތަކުގައި ކަންހިނގައި ދާ ގޮތް ކަމަށް ވޮޝިންޓަން ޕޯސްޓް ބުނަނީ ކެޕިޓަލް އަށް ވަޑައިގަންނަވަނީ ދެ ބޭފުޅުން އެކުއެކީގައި ކަމަށެވެ. އެއީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅާ އާއި ވެރިކަމުން ފައިބާވަޑައިގަންނަވާ ބޭފުޅާ އެވެ. އެއަށް ފަހު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ސަލާންގަލާން ކުރައްވައި އުފާ ކުރައްވާ ކަމަށެވެ.

އެމެރިކާއިން ދައްކައިދޭން ބޭނުން ވަނީ ވެރިކަން ބަދަލުވުމަކީ ވެސް އެމެރިކާގައި އެހެން އެއްވެސް ގައުމަކަށް ވުރެ އޮމާން އަމާންކޮށް ހިނގައިދާ ކަމެއް ކަމަށެވެ. އެކަމަކު މިފަހަރު އެމެރިކާގައި ވެރިކަން ބަދަލުވެގެން ދާނީ މުޅި ގައުމު ހާސްވެ ބިރުގަނެފައި ވަނިކޮށެވެ.