ދުނިޔެ

އިރާން ނިއުކްލިއާ އެއްބަސްވުމަށް ރުހެވޭނެ ގޮތެއް ނެތް

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކ) އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ 2016 ގައި
0%
0%
0%

އެމެރިކާއިން އީރާނާއެކު ނިއުކްލިއާ މުއާހަދާއަށް އެނބުރި ދިއުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވެވެން ނެތް ކަމަށް އިޒްރޭލުން ބުނެފި އެވެ. އިޒްރޭލުން ބުނީ 2015 ގައި ތެހެރާނާއެކު ހަދާފައި އޮތް އެއްބަސްވުމަށް ރުޖޫއަވާން ބައިޑަން ސަރުކާރުން ކުރާ މަޝްވަރާތަކުގައި ވެސް ބައިވެރިނުވާނެ ކަމަށެވެ.

ބައިޑަން ސަރުކާގެ ވިސްނުމަކީ، ޓްރަމްޕް ސަރުކާރުން އުވާލާފައި އޮތް އެއްބަސްވުމަށް އެނބުރި ދިއުމެވެ. އެމެރިކާއިން ބުނެފައި ވަނީ އިރާނުން ގޮތްދޫކޮށްފި ނަމަ 2015 ގައި އީރާނާއެކު ހަދާފައި އޮތް އެއްބަސްވުމަށް އެނބުރި ދެވިދާނެ ކަމަށެވެ. އަދި އިގުތިސޯދީ ގޮތުން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއި ދެވިދާނެ ކަމަށެވެ.

އީރާނަށް އެއްވެސް މާނައެއްގައި ލުއިދިނުމަކީ އިޒްރޭލުން ބޭނުންވާ ގޮތެއް ނޫނެވެ. އިޒްރޭލުން ބޭނުންވަނީ ޓްރަމްޕް އަމަލުކުރެއްވި ގޮތަށް ބައިޑަން ވެސް ތެހެރޭނަށް ދަތިކުރުމެވެ. އިޒްރޭލުން ވޮޝިންގްޓަނަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު، ގިލާޑް އެރްދާން ވިދާޅުވަނީ ތެހެރާންއަށް ލުއިދިނުމަކީ މަޝްވަރާއަށް އޮތް މައުލޫއެއް ނޫން ކަމަށެވެ.

އިޒްރޭލުން މި ގޮތަށް ބަސްމަގު ބައްޓަންކުރަމުން އަންނައިރު ކުރިއަށް އޮތީ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ވެދާނެ ގޮތް ނުސާފު ދުވަސްތަކެކެވެ. ބައިޑަންއާއެކު މަޝްވަރާކުރެއްވުމަށް އަދި ވެސް ނަތަންޔާހޫއަށް ފުރުސަތެއް ލިބިވަޑައިގެންފައި ނުވާއިރު، އާންމު އިންތިހާބު ވެސް އޮތީ ބޯމަތިވެވަޑައިގެންފަ އެވެ.

އީރާން ނިއުކްލިއާ އެއްބަސްވުން އާކުރަން އެމެރިކާއާއެކު މަސައްކަތްކުރަން ހަދައިގެން ބައިކޮޅަށް ގޯލެއްޖެހިދާނެ ކަމަށް އިޒްރޭލުން ބުނެ އެވެ. މަސްލަހަތު ފުށުއަރާ ގޮތަށް ހުރި އެހެން ކަންކަމުގައި ވެސް އެމެރިކާއަށް މާބޮޑަށް ދޫދޭންޖެހިދާނެ ކަމަށް އިޒްރޭލު ބުނެ އެވެ.

އިޒްރޭލުން ބުނަނީ ކަންބޮޑުވުން ހުރި މުއާހަދާއަކަށް ދާންކުރާ މަސައްކަތްކުގައި ޑިޕްލޮމެޓިކް ހަމަތައް ފެއިލްވެއްޖެ ނަމަ އެކަނިމާއެކަނި ވެސް ކުރިމަތިލާން ނިކުންނާނެ ކަމަށާއި އިޚްތިޔާރުކުރާނީ މިލިޓަރީ ހަމަލާ ކަމަށެެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345