ދުނިޔެ

އީރާނާ ޑީލް ހަދައިފިނަމަ ބައިޑަންއާ ކުރާނެ މަޝްވަރާއެއް ނެތް: އިޒްރޭލް

ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އީރާންއާއެކު ނިއުކްލިއާ އެއްބަސްވުންތަކަށް ރުޖޫއަވެ، މަޝްވަރާއަށް ފުރުސަތު ދެއްވައިފި ނަމަ އެމެރިކާއާއެކު ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ ސީނިއާ އޮފިޝަލަކާ ހަވާލާދީ ޗެނަލް 12 އިން ބުނީ އޮބަމާ އެކުލަވާލެއްވި ނިއުކްލިއާ އުސޫލުތަކަށް ބައިޑަން އަމަލު ކުރައްވަން ނިންމަވައިފި ނަމަ އިޒްރޭލުން އެކަން ބަލައި ނުގަންނާނެ ކަމަށެވެ. އޮފިޝަލް އެ އިޝާރާތް ކުރައްވަނީ 2015 ގައި ބާރަކް އޮބާމާ ސޮއިކުރެއްވި "ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) ގެ ވާހަކަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިކެން ވެސް ވަނީ މި އެއްބަސްވުމަށް އަލިއަޅުވާލައްވައި މަޝްވަރާއަށް އިޝާރާތް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ "ޖޭސީޕީއޯއޭ" އަށް ވަޑައިގަތުމުގެ ކުރިން އިޒްރޭލް އަދި އަރަބި އެކުވެރިންނަށް ދަންނަވާނެ ކަމަށެވެ.

ބައިޑަން ވެސް ވަނީ "ޖޭސީޕީއޯއޭ" އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ވިދާޅުވީ އުޒުރަކާ ނުލައި އަމަލު ކުރަން އީރާނުން އެއްބަސްވާ ނަމަ ކަމަށެވެ.

އިރާނާއެކު ޑިޕްލޮމެޓިކް ގުޅުން ބޭއްވުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް ބައިޑަން ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ހަމައެކަނި އޮތް ނުރައްކަލަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ނޫން ކަމަށާއި އީރާނުން ހިންގާ ބެލެސްޓިކް މިސައިލް ޕްރޮގްރާމް ވެސް އެބަ އޮތް ކަމަށެވެ. އަދި އީރާނުން އަވަށްޓެރިންނަށް ބިރު ދައްކައި ނުފުޒު ފޯރުވަން މަސައްކަތް ކުރުމަކީ ވެސް މަޝްވަރާ ކުރެވެން ޖެހޭ ކަމެއް ކަމަށެވެ.

އީރާނުން ބުނީ ޖޭސީޕީއޯއޭއަށް އެނބުރި ދިއުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށާއި މަޝްވަރާއަށް އާނއެކޭ ބުނާނީ ވެސް އީރާނަށް ދަތިކުރަން އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.

ބައިޑަންއާ މަޝްވަރާ ކުރެއްވުމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ގެންގުޅުއްވަނީ ތަންކޮޅެއް ހަރުކަށި ވިސްނުންފުޅެކެވެ. އެކަމަކު އިޒްރޭލް ސަރުކާރުގެ ބައެއް ވަޒީރުން، ބޮޑުވަޒީރުގެ ވިސްނުންފުޅާ ދެކޮޅެވެ. ބޮޑުވަޒީރަށް އެބޭފުޅުން ލައިދެއްވާ ބުއްދި އަކީ ބައިޑަންއާ މަޝްވަރާ ކުރެއްވުމުގައި މަޑުމައިތިރިކަން އިހުތިޔާރު ކުރެއްވުމާއެކު ބޭނުންވާ ގޮތް ވިސްނައި ދެެއްވުމެވެ.