ރަޝިޔާގެ ރައީސް ލަޑިމީއާ ޕޫޓިން އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓްއާ ބައްދަލު ކުރައްވައިފި އެވެ. މެހުމާންދާރީ އަދާ ކުރެއްވުން އޮތީ ރަޝިޔާގެ ރިސޯޓް ރަށެއް ކަމަށްވާ ސޯޗީގައި ޕޫޓިއަށް ހާއްސަ ގަނޑުވަރުގަ އެވެ.
މިއީ މިދިޔަ ޖޫން މަހު އިޒްރޭލުގެ ބޮޑުވަޒީރުކަމާ ބެނެޓް ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ލީޑަރުންގެ ބޭއްވި ފުރަތަމަ ބައްދަލުވުމުވެ.
މި ބައްދަލުވުން ފައްޓަވަމުން ޕޫޓިން ވަނީ ދެ ގައުމުގެ ދެމެދުގއި އޮތް ޒަމާންވީ ގުޅުމަށް ތައުރީފު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރަޝިއާ ނޫން ގައުމެއްގައި ރަޝިއާ ބަހުން ވާހަކަ ދައްކާ އެންމެ ބޮޑު އާބާދީ އޮތީ އިޒްރޭލުގައި ކަމަށެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާ އާއި އިޒްރޭލާ ދެމެދު އޮތް ވިޔަފާރި އާއި އިގުތިސޯދީ ގުޅުންތައް ބޮޑުތަނުން ފުޅާ ވެގެނެއް ނުދެ އެވެ. އެހެން ނަމަވެސް މިސްރާބު ރަނގަޅެވެ. އަދި އުންމީދު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ޕުޓިން ވިދާޅުވީ މޮސްކޯއާ ޓެލްއަވީވްއާ ދެމެދު ދެމެހެއްޓެެނިވި ގުޅުމެއް އޮތުން މުހިންމު ކަމަށާއި އިޒްރޭލުގެ ކުރީ ސަރުކާރުތަކުން ރަޝިއާއަށް ދިން ތަނަވަސްކަން ބެނެޓް ސަރުކާރުން ލިބި ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އޮންނަން އެދިވަޑައި ގަންނަވަނީ ތެދުވެރިކަމާއި ވިޔަފާރިއާ ގުޅިފައި އޮތް އެކުވެރި ކަމެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަދި ބެނެޓްގެ ސަރުކާރުން ދެ ގައުމުގެ ގުޅުން ދެމެހެއްޓުމުގެ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝިޔާގެ ލީޑަރު ވިދާޅުވި ގޮތުގައި ސޫރިޔާ ހިމެނޭ ގޮތުން މުޅި ސަރަހައްދުގެ ހާލަތާ ބެހޭ ގޮތުން ދެ ގައުމަށް މަޝްވަރާ ކުރެވެން ވާނެ އެވެ. ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްކުގައި ވެސް ދެ ގައުމަށް އެއްބާރުލެވޭނެ ގޮތެއް އޮންނަންވާނެ އެވެ.
ބެނެޓް ދެއްދެވި ވާހަކައިގައި ރަޝިއާ ދޫކޮލެވެން ނެތް ކަމަށް ވިދާޅުވި އެވެ. ދެ ގައުމުގެ ގުޅުން ހާއްސަ ވަނީ ހިއްސާ ކުރެވެން އޮތް ޝައުގުވެރި ކަމެއްގެ ސަބަބުން ކަަމަށާއި ރަޝިއާއާ އިޒްރޭލާ ދެމެދު ކުރިން އޮތް ގާތްކަން ކުރިއަށް ދާނީ އެގޮތުގައި ކަމަށެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓް އިއްތިހާދުން އަދާކުރި ދައުރުގެ ހަނދާންތައް ބެނެޓް އާކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ އަކީ ގަދަރުވެރި ގައުމެއް ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށް ދެއްވާނެ ކަމަށެވެ.
ބެނެޓް ވިދާޅުވީ ރަޝިއާ އާއެކު ވިޔަފާރި ފުޅާކުރުމާ ބެހޭ ގޮތުން ވަރަށް ތަފްޞީލުކޮށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މަޝްވަރާތަކުން ރަނގަޅު ނަތީޖާ ނުކުންނާނެކަން ޔަގީންކޮށްދެއްވާ ކަމަށެވެ.
އިޒްރޭލަކީ ތަނަވަސްކަން އޮތް ގައުމެއް ކަަމަށް ބެނެޓް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަޝިއާގެ އިންވެސްޓްމަންޓްކަށް އިޒްރޭލު ހުޅުވިގެންދާނެ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވީ ސީރިއާގައި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން އަދި އީރާނުގެ ނިއުކްލިއަރ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
އީރާނާއެކު 2015 ގައި ވެފައި އޮތް ނިއުކްލިއާ އެއްބަސްވުން 2018 ގައި ޓްރަމްޕް އުވާލައްވާފައި އޮއްވައި އެމެރިކާ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެ އެއްބަސްވުމަށް އަލުން ރުޖޫއަވާން ކަމަށް ބެނެޓް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމާ އިޒްރޭލުން ދެކޮޅު ހަދާ ކަމަށެވެ.