އިރާގުގެ އެއުބިލް ކައިރީގައި ހުރި އިރާނިއަން ކުރުޑިޝް ޕާޓިގެ ހެޑްކުއާޓަރަށް ދިން ރޮކެޓް ހަމަލާގައި މީހަކު މަރުވެއްޖެ އެވެ.
އިއްޔެގެ ވަގުތެއްގައި ދިން މިހަމަލާގައި އިތުރު 10 މީހަކު ޒަހަމް ވެފައިވާ ކަމަށް އިރާގުގެ ސިޓީއެއް ކަމުގައިވާ ކޮޔޭގެ މޭޔަރު ތާރިގް ހައިދަރި ވިދާޅުވެފައިވެ އެވެ.
މި ހަމަލާ ދީފައިވަނީ އިރާގުގެ އުތުރުގައިވާ ކުރްޑިޝް ދަރިފަސްކޮޅުގެ މީހުން ނިސްބަތުން ގިނަ، އިރާނާއި އިރާގުން ވަކިވެގަންނާން މަސައްކަތްކުރާ އިރާނިއަން ކުރުޑިޝް ޕާޓީގެ ހެޑްކުއާޓާސް ހުންނަ ހިސާބަށެވެ.
މި ހަމަލާގެ ފުރަގަހުގައި ވަނީ އިރާނުގެ "އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް" (އައިއާރްޖީސީ) ކަމަށާއި، އެ މީހުން ޑްރޯނުންނާއި މިސައިލުގެ މަގުން ދިން ހަމަލާތައް އަމާޒުކުރީ ޓެރަރިސްޓު ގްރޫޕް ތަކަށް ކަމަށް އިރާނުން ބުނެ އެވެ.
ކުރުޑިޝް ސެކިއުރިޓީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ޑްރޯން މެދުވެރިކޮށް އައިއާރްޖީސީ އިން ދިން ހަމަލާ އަމާޒުކޮށްފައިވަނީ ކުރުޑިޝްތާނު މިނިވަންކުރުމުގެ މަސައްކަތްކުރާ މީހުން ދިރިއުޅޭ އެއުބިލް އަދި ސުލައިމާނިއްޔާއޭ ކިޔޭ ދެ ކުރުޑިޝް ސިޓީ އަކަށެވެ.
މިހަމަލާގައި ސުލައިމާނިއްޔާގައި ހުރި ކޮމަލާ ޕާޓީގެ އޮފީހަށް ވެސް ހަ ޑްރޯނުން ހަމަލާދީފައިވެ އެވެ. އަދި ކޮޔޭ ގައިވާ ޑިމޮކްރެޓިކް ޕާޓީ އޮފް އިރާނިއަން ކުރުޑިޝްތާނުގެ އޮފީހަކަށް މިސައިލުގެ ހަތަރު ހަމަލާ ދީފައިވާ ކަމަށް އިރާނުގެ ކުރުޑިޝް ދަރިފަސްކޮޅުގެ ހައްގުގައި މަސައްކަތްކުރާ ގްރޫޕް ތަކުން ޓުވިޓާގައި ވަނީ ބުނެފަ އެވެ.
އައިއާރްޖީސީ އިން އީރާގުގެ ކުރްޑިޝް ސަރަހައްދުގެ އުތުރުގައިވާ ހަނގުރާމަވެރީންގެ މަރުކަޒުތަކަށް ހަމަލާދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އީރާނުގެ ފުލުހުން މަރާލި ކަމަށް ބުނާ އެ ގައުމުގެ އަންހެނެއް ކަމަށްވާ މާހްސާ އަމީނީގެ މަރަށް ފަހުގައިކަން ފާހަގަ ކުރެވެ އެވެ.
އިރާނުން ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އަމީނީގެ މަރަށްފަހު މުޅި ގައުމުގައި ހަޅުތާލުކޮށް، އެ ގައުމުގެ ރައްޔިތުން އަދިވެސް ކުރަމުންދާ މުޒާހަރާ އަކީ ކުރުޑިޝް ހަނގުރާމަވެރިން ފަހަތުގައި ތިބެގެން އަދި ހުޅަނގުގެ ގައުމުތަކުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.