ދުނިޔެ

އިރްބީލް އެއާޕޯޓަށް ދިން ރޮކެޓްހަމަލާތަކުގެ ޒިންމާނަގައިފި

އިރްބީލް އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ރޮކެޓް ހަމަލާތަކުގެ ޒިންމާ، އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ގުރޫޕަކުން ނަގައިފި އެވެ. އިރްބީލް އަކީ އިރާގް ކުރުދިސްތާން ސަރަހައްދުގެ ވެރިކަން ކުރާ އަވަށެވެ.

ހަތިޔާރުއެޅި ގުރޫޕަށް އެމީހުން އަމިއްލައަށް ދީފައިވާ ނަމަކީ "ގާޑިއަން އޮފް ބްލަޑް ބްރިގޭޑްސް" އެވެ. އެގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެއާޕޯޓަށް އަމާޒުކޮށް 24 ރޮކެޓް ވޮނުވާލި އެވެ. އަދި ސީދާ އަމާޒަށް ރޮކެޓްތަޢް ވާސިލުވިކަމަށް ވެސް ބުނެފައިވެ އެވެ.

އީރާގް މީޑިއާ ބުނާ ގޮތުން ގާޑިއަން އޮފް ބްލަޑް ބްރިގޭޑްސް ހިންގަނީ އީރާނުން ޚަރަދުކުރާ ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ މީހުންނެވެ. އެމީހުން މީގެ ކުރިން ވެސް އީރާގްގެ ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަމަށް އިރާގުން ބުނެ އެވެ. އެގުރޫޕުން އާންމު ގޮތެއްގައި ހަމަލާތައް އަމާޒުކޮށްފައި ވަނީ، އިރާގުގައި އައިސިސްއާ ދެކޮޅަށް ހަރަކާތްތެރިވާ އެމެރިކާއާ ބައިވެރިންނަށެވެ.

އިރްބީލް އެއާޕޯޓަށް ދިން ރޮކެޓްހަމަލާތަކުގައި އެކަކު މަރުވެ، ހަމީހުން ވަނީ ޒަހަމްވެފަ އެވެ. އަނިޔާވި މީހުންގެ ތެރޭގައި އެމެރިކާ ސިފައިގެ މީހަކު ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މަރުވީ ކޮންޓެރެކްޓް އުސޫލުން އެއާޕޯޓް ސަރަހައްދުގައި މަސައްކަތްކުރަން އުޅުނު އެމެރިކާ މީހެކެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން މިހަމަލާ ކުށްވެރިކުރައްވައި ވިދާޅުވީ ވަރަށް ބޮޑަށް ހިތްނުތަނަވަސްކުރުވައިފި ކަމަށެވެ.

"ސިވީލިއަން ކޮންޓްރެކްޓަރަކު މަރުވި ކަމަށް ވެސް އެބަބުނެވޭ،" ބްލިންކެން ވިދާޅުވި އެވެ. "އަދި ބޮޑަށް ގެއްލުން ލިބި އަނިވީ ކޯލިޝަން މެންބަރުންނަށް ކަމަށް ބުނާ ޚަބަރުތަކެއް ވެސް މިދަނީ އަޑުއަހަމުން"

ބްލިންކެން ވިދާޅުވި ގޮތުން އޭނާ ވަނީ ކުރުދިސްތާން ސަރަހައްދީ ސަރުކާރުގެ ބޮޑުވަޒީރު، މަސްރޫރު ބަރްޒާނީއާ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ހަމަލާދިން ބަޔަކު ހޯދައި ހައްގު އަދަބުދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ބޮޑުވަޒީރު ބަރްޒާނީ ވެސް މި މޭރުމުން ވާހަކަދައްކަވައި ކުށްވެރިން ހޯދަން އެހީތެރިވެދެއްވުމާށް އެމެރިކާ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

އިރްބީލް އެއާޕޯޓާކީ ދޭތެރެ ދޭތެރެއިން ރޮކެޓްހަމަލާ އަރާ ސަރަހައްދެކެވެ. މިދިއަ އަހަރު ސެޕްޓެމްބަރުގައި ވެސް ވަނީ ރޮކެޓްހަމަލާތަކެއް އަރާފަ އެވެ. އެހެން ނަމަވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ. ކުރުދީ ސަރުކާރުން ބުނާ ގޮތުން ހަމަލާދިނީ އީރާނުން ހިތްވަރުދޭ ގުރޫޕަކުންނެވެ.