ބަސަރާގެ ބަނދަރުން ބޭރު 28 ނޯޓިކަލް މޭލު ދުރުގައި އޮތް ތެޔޮ ޓޭންކަރެއްގައި ހަރުކޮށްފައވާ މައިނެއް ނައްޓާލުމަށް ފަންނީ މާހިރުން މަސައްކަތް ކުރަމުން އެބަ އާދެ އެވެ. މި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރި ވަނީ އީރާގު އިންޓީރިއާ މިނިސްޓްރީގެ ތަޖުރިބާކާރުންނެވެ.
ލައިބީރިއާ ދިދައިދެ ދަށުން އޮޕަރޭޓްކުރާ ތެޔޮ ޓޭންކަރު، އެމްޓީ ޕޯލާގައި ތިބި ފަޅުވެރިން ރައްކާތެރި ތަންތަނަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޓޭންކަރުގައި ހަރުކޮށް ހުރީ "ލިމްޕެޓް" މައިނެއް ކަމަށް ސެކިޔުރިޓީ އިދާރާތަކުން ބުނެ އެވެ.
ލިމްޕެޓް މައިން އާންމުކޮށް ބޭނުން ކުރަނީ ކަނޑު އުޅަނދު ފަހަރަށް ގެއްލުން ދިނުމަށެވެ. އުޅަދުގެ ބަނޑުފިލާ ގޮށްވާލައި ބާގަނޑެއް ހެދުމަށެވެ. ލިމްޕެޓް މައިން ހަރުކު ރުމަކީ މިކަމަށް ހާއްސަ ތަމްރީން ލިބިފައި ތިބި ބަޔަކަށް ނޫނީ ކުރެވޭ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި ފުން ކަނޑުގައި ޑައިވް ކުރަން ކުޅަދާނަ މީހުން މިކަމަށް ބޭނުންވެ އެވެ. ލިމްޕެޓް މައިނުން ބާގަނޑެއް ހެދުމުގެ ބޭނުމަކީ އުޅަނދު އަޑިއަށް ދުއްވާލުން ނުވަތަ ބާގަނޑުގެ ތެރެއިން އެތެރެވުމެވެ.
އީރާގުން ބުނީ މައިން ހަރުކޮށްފައި ވަނީ އީރާގުގެ އޮއިލް މާކެޓިން ކޮމްޕެނީން ކުއްޔަށް ހިފާފައިވާ ޓޭންކަރެއްގައި ކަމަށެވެ. އީރާގުގެ ސަލާމަތީ ބާރުތަކުން މި މަސައްކަތުގައި ބައިވެރިވާ ހައިސިއްޔަތަކީ އެއީ ކަމަށެވެ.
މި ހާދިސާ މިގޮތަށް ހިނގާފައި ވާއިރު، މެދުއިރުމަތި ވެސް އަންނަނީ ބަނަވަމުންނެވެ. އީރާނާ އެމެރިކާއާ ތަކުރާރުކޮށް ކުނިޖެހި އުފެދިފައި ހުރި ނުރައްކާ މައްސަލަތަކުގެ ސަބަބުން މުޅި ޕާސިއަން ގަލްފް ވަނީ ބިރުވެރިކަމުގަ އެވެ.
އެމެރިކާގެ ބޮން އަޅާ ބޯޓްތައް ގަލްފު ސަރަހައްދުގައި ދަނީ އަނބުރާ ހޭރިޔާ ކުރަމުންނެވެ. އަނެއްކޮޅުން، އެމެރިކާގެ ނިއުކްލިއާ ސްބްމެރީނެއް ވެސް ވަނީ ޕާސިއަން ގަލްފަށް ފޮނުވާފަ އެވެ.
އީރާނަށް މިފެށެނީ ވަރަށް ހާއްސަ ހަފުތާއެކެވެ. ބަޣްދާދުގައި އުޅުއްވަނިކޮށް އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އީރާންގެ މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއަށް ޖެނުއަރީ ތިނެއްގައި އަހަރު ފުރޭނެ އެވެ. އީރާނުން އަންނަނީ މިކަމަށްޓަކައި ހާއްސަ ހަފުލާތަކަކަށް ތައްޔާރު ވަމުންނެވެ. އަރާ ފޯރިގައި ހަދާފާނެ ގޯހަކަށް ދުނިޔެ ބިރުން އޮތްއިރު، އީރާނުން ބުނަނީ ތެޔޮ ޓޭންކަރުގައި މައިން ހަރުކުރި ބަޔަކާ ގުޅުމެއް ނެތް ކަމަށާއި އެކަން ކުރުމަށް އެއްވެސް ބަޔަކަށް ވާގިވެރި ނުވާ ކަމަށެވެ.