ދުނިޔެ

އެމެރިކާއިން ސީރިއާ އާއި އީރާގަށް ހަމަލާދޭން ފަށައިފި

އެމެރިކާގެ އަސްކަރީ ބާރުތަކުން އީރާގަށާއި ސީރިއާއަށް ހަމަލާދޭން ފަށާފައިވާ ކަމަށް ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި އެވެ.

މިއީ އުރުދުން އާއި ސީރިއާ ބޯޑަރު ހިއްސާކުރާ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކަށް ހަމަލާދީ ތިން ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމަށް ދޭ ހަމަލާތަކެކެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ވެރިޔާ ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުން މި ހަމަލާތައް ފިޔަވަހި ތަކަކަށް ބަހާލާނެ އެވެ. އަދި އެކި ގައުމުތަކުގައި އެމެރިކާގެ ޝައުގުވެރިކަން އޮތް ދިމަދިމާއަށް ހަމަލާތައް ދެވޭނެ އެވެ.

ލޮއިޑް އޮސްޓިންގެ މި ވިދާޅުވުމަކީ އެމެރިކާގެ ބަދަލުހިފުން ދިގުދެމިގެން ހިނގައިދާނެ ކަމެވެ. ނަމަވެސް ހަމަލާތައް ދިގުނުދަންމާނެ ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑަން އޮތީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ -- ސެންޓްކޮމް އިން ބުނި ގޮތުން -- އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ އަމާޒުތަކަށާއި މި ޖަމާއަތާ ގުޅިފައި ތިބި ހަނގުރާމަވެރި ގުރޫޕްތަކަށް ކަމަށެވެ.

އުރުދުންގެ އައްސޭރީގައި މަރުކަޒުކޮށްގެން ތިބޭ އެމެރިކާ ސިފައިންނަށް ހަމަލާދިނުމަށް ޑްރޯނާއި މިސައިލް ސަޕްލައިކުރީ އެމެރިކާ ބުނާ ގޮތުން އީރާނުންނެވެ. އެކަމަކު އީރާނުން ބުނީ އެ ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އީރާނުން ކުރިން ބުނި ގޮތުން އެމެރިކާ ސިފައިންނަށް ހަމަލާދިން ބަޔަކު ހަމަލާދިނީ ފަލަސްތީންގެ ޣައްޒާއަށް ހަމަލާދިނުމަށް އެމެރިކާ އިން އިޒުރޭލަށް ހަތިޔާރުދޭތީ އެވެ.

އެމެރިކާ ސިފައިންނަށް ދިން ހަމަލާއަށް ޒިންމާވެފައިވަނީ އީރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓަންސް އިންނެވެ. މި ޖަމާއަތަކީ އިތުރު އެތައް ގުރޫޕެއްގެ ބައިވެރިވުން އޮންނަ ޖަމާއަތެކެވެ.

ހުޅަނގުގެ ހަބަރުތައް ބުނާ ގޮތުން އެމެރިކާގެ ހަމަލާތަކުގައި ބީންވަން މަރުކާގެ ބޮންއަޅާ ބޯޓުތައް ވެސް ބޭނުންކުރި އެވެ. އަދި އެއްފަހަރާ އެތައް އަމާޒުތަކަކަށް ހަމަލާދިނުމަށް އެކަމަށް ގާބިލު އެތައް އުޅަނދެއް ބޭނުންކުރި އެވެ.

އެމެރިކާގެ ހަމަލާތައް އަސްކަރީ މަރުކަޒުތަކަށާއި ޑްރޯން އުފައްދާ ފެކްޓަރީތަކަށް އަދި މިސައިލް ގުދަންތަކަށް އަމާޒުކުރި ކަމަށް ސެންޓްކޮން އިން ބުންޏެވެ. މި ހަމަލާތަކުގައި ހަނގުރާމަވެރި ގުރޫޕްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބިފަޢިވާނެ ކަމަށްވެސް އެމެރިކާ ބުނެ އެވެ.