އުރުދުންގެ ބޯޑަރުގައި އެމެރިކާގެ ތިން ސިފައިންނަށް އަސްކަރީ ޑްރޯނުން ހަމަލާދީ މަރާލި މައްސަލަ ވަރަށް ބޮޑުވެއްޖެ އެވެ. ބަދަލުހިމުގެ ގޮތުން ސީރިއާ އަށާއި އީރާގަށް އެމެރިކާއިން ވަނީ ހަމަލާދީފަ އެވެ.
އެމެރިކާ ބުނާ ގޮތުން ހަމަލާގެ ފަހަތުގައި އޮތީ އީރާން އެވެ. އީރާނުން މެދުވެރިންގެ ގޮތުގައި ބޭނުންކުރާ ހަނގުރާމަވެރި ގުރޫޕްތަކެވެ. މި ގުރޫޕްތަކަށް މާލީ ގޮތުން އަދި އަސްކަރީ ގޮތުން އެހީތެރިވަނީ އީރާން ކަމަށް އެމެރިކާ ގަބޫލުކުރެ އެވެ.
އެމެރިކާގެ ތިން ސިފައިންނަށް ހަމަލާދިނީ އީރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓަންޓް ޖަމާއަތުން ކަމަށް އެ މީހުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެމެރިކާ ދެކޭ ގޮތުގައި ޔަމަންގައި ހަރަކާތްތެރިވާ ހޫސީންގެ ބައިވެރިވުމެއްވެސް ހަމަލާދިނުމުގައި އޮވެދާނެ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ވިދާޅުވި ގޮތުން ސީރިއާގައި އަދި އީރާގުގައި ވެސް އީރާނަށް ވަފާތެރި ހަނގުރާމަވެރި ގުރޫޕްތައް ހަރަކާތްތެރިވެ އެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މި ގުރޫޕްތައް ގުޅިގެން ހަމަލާދެ އެވެ.
ސީރިއާ އަށާއި އީރާގަށް ހަމަލާ ދިނުމަށްފަހު އެމެރިކާއިން ބުނީ އެއީ ބަަދަލުހިފުމުގެ ގޮތުން ދޭން ހުރި ހަމަލާތަކުގެ ފެށުން ކަމަށެވެ. އެމެރިކާއަށް ޖެއްސުންކުރުން ނުހުއްޓައިފި ނަމަ އިތުރު ހަަމަލާތަކަށް އުންމީދުކުރުމަށް ވެސް އޮތީ ބުނެ އިންޒާރުދީފަ އެވެ.
ޖޭކް ސުލިވާން ވިދާޅުވީ އީރާނަށް ހަމަލާދޭން ޖެނުނު ނަމަވެސް، އެމެރިކާ ޖެހިލުން ނުވާނެ ކަމަށެވެ. އެކަމަށް ވާނެ އިތުރު ތައްޔާރެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަދަލުހިމުގެ ގޮތުން އެމެރިކާއިން ދޭ ބައެއް ހަމަލާތަކުން ދުންއަރައި ރޯވެފައި ހުންނަ ތަން ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަދަލުހިމުގެ ބައެއް ހަމަލާތަކަކީ އެ ހަމަލާތައް ދޭކަން ނޭނގި ދޭ ހަމަލާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްކަރީ ތަޖުރިބާކާރުން ދެކޭ ގޮތުން އެމެރިކާއިން މެދުއިރުމައްޗަށް ހަމަލާދިނުމަކީ އަމިއްލައަށް މަޅިއެއްގައި ބެދުން ކަހަލަ ކަމެކެވެ. އެމެރިކާއަށް އަފްޣާނިސްތާނުން ފިލާވަޅެއް ދަސްނުވަންޏާ، ހަނގުރާމަވެރި އެމެރިކާއަށް މިފަހަރު ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށް ވެސް މާހިރުން ބުނެ އެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން ވެސް ވަނީ މި މޭރުމުން އެމެރިކާއަށް އިންޒާރުދީފަ އެވެ. އެ ޖަމާއަތުން ބުނީ އެމެރިކާއާ ބައިވެެރިން ކިތަންމެ ވަރަކަށް ހަމަލާދިން ނަމަވެސް، ބިރު ނުގަންނަ ކަމަށާއި، ރައްދު ހަމަލާތައް ވަރުގަދަކުރާނެ ކަމަށެވެ.
އެމެރިކާއިން ހޫސީންނަށް ހަމަލާދޭ ނަމަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް ވެސް ހަމަލާދޭނެ ކަމަށް ހޫސީން ބުނެ އެވެ.