މެދުއިރުމަތި މިހާރު އޮތް ހާލަތުގައި ބަލަންވީ ސުލްހަކުރެވޭތޯ ކަމަށް އދ ގައި ހުންނަވާ ރަޝިއާގެ ދާއީމީ ސަފީރު ވަސިލީ ނެބެންޒިޔާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުން އިރާގަށާއި ސީރިއާއަށް އެމެރިކާއިން ހަމަލާދިނީ ރާވައިގެން ހަމަނުޖެހުންތައް ދެމެހެއްޓުމަށް ކަމަށެވެ.
އީރާގަށާއި ސީރިއާއަށް ހަމަލާދިނުން ދުނިޔެ ތަރުޖަމާކުރަނީ އެމެރިކާގައި އޮތީ ނާގާބިލު ސަރުކާރެއްކަން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. މަޝްވަރާއިން ކަމެއް ސުލްހަކުރުމަކުން އެމެރިކާއަށް އޮތް ހައިބަތަށް އުނިކަމެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔެ ސުލްހައަށް ވަރަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި އަދި އެމެރިކާ ފަދަ ހައިސިއްޔަތަށް ބޭނުންވާ ގައުމަކުން -- މިހާރު ވެސް އަލިފާން ރޯވެފައި އޮތް ސަރަހައްދަކަށް ދަރުއެޅުމުން ދޭހަވަނީ އެމެރިކާގެ ގަދަރެއް ނެތްކަން ކަމަށް ރަޝިއާގެ ސަފީރު ވިދާޅުވި އެވެ.
ސަފީރު އަދި ވިދާޅުވި އެމެރިކާ އަކީ ބާރުގަދަ އެހައި ނުފޫޒުގަދަ ގައުމެއްކަން ދުނިޔެ ގަބޫލުކުރާ ކަމަށެވެ. މިހެން ކަން އޮތުމުން އެމެރިކާގައި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ބަޔަކު ރުއްސުމަށް -- ދުނިޔޭގައި ނުތަނަވަސްކަން އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
އެމެރިކާ ސިފައިން 2003 ގައި އީރާގަށް އަރައިގަނެ ދިން ހަމަލާތަކަށް ފަހު، ދިން ހަމަލާތަކުގައި އީރާގަށާއި ސީރިއާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.
އެމެރިކާ ބުނާ ގޮތުން ހަމަލާދޭން ޖެހުނީ އުރުދުންއާ ސީރިއާ ގުޅޭ ބޯޑަރުގައި ތިބި އެމެރިކާ ސިފައިންގެ ފައުޖަކަށް އަސްކަރީ ޑްރޯނުން ހަމަލާދީ އެމެރިކާގެ ތިން ސިފައިން މަރާލުމާ ގުޅިގެންނެވެ.
މި ހަމަލާގެ ޒިންމާ އީރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓަންޓް ޖަމާއަތުން އޮތީ ނަގާފަ އެވެ.
އެމެރިކާ ބުނާ ގޮތުން ހަމަލާތައް ރޭވުމާއި ހަތިޔާރު ސަޕްލައިކުރުން ފަދަ ހުރިހާ ކަމެއް ކުރަނީ އީރާނުންނެވެ. މިއީ އީރާން އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށް ވެސް އެމެރިކާ ތުހުމަތުކުރެ އެވެ.
ރަޝިއާގެ އެދުމަކީ އެމެރިކާގެ މި ހަމަލާ ގައުމުތަކުން ކުށްވެރިކުރުމެވެ. އެމެރިކާގެ ވަކި އެޖެންޑާއެއް ހާސިލުކުރުމަށް -- މަސްލަހަތަށް ބޭނުންވެފައި އޮތް ސަރަހައްދަކަށް ހަމަލާދިނުމުން ދޭހަވަނީ ހުރިހާ ނުބައެއްގެ ފަހަތުގައި އެމެރިކާ އޮތްކަން ކަމަށް ވެސް ރަޝިއާގެ ސަފީރު ވިދާޅުވި އެވެ.
ބާރުގަދަ ހަތިޔާރުން ތަނެއް ސުންނާފަތި ކުރެވިދާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އެކަމަކު ދުނިޔެ ބޭނުންވާ ކަމަކީ ސުލްހަ އާއި އަމާންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.