އީރާގަށް އަތްގަދަކޮށްގެން ތިބި އެމެރިކާ ސިފައިން ބޭލުމަށް ބާރުއެޅުމަށް އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައި އޮތް ގާނޫނާ އެއްގޮތަށް އަމަލީ ހަރަކާތްތަކެއް ނުހިނގަ އެވެ.
އެމެރިކާ ސިފައިން އީރާގުން ބޭލުމަކީ އަފްޣާނިސްތާންގައި 20 އަހަރު ވަންދެން ތިބި އެމެރިކާ ސިފައިން 2021 ގައި ބޭލުން ފަދަ ކަމަކަށް ވެދާނެ ކަމަށް މަޝްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.
އީރާގުން އެމެރިކާ ސިފައި ބޭލުމާ ބެހޭ ގޮތުން ރަސްމީ ޗެނަލްތަކުން މަޝްވަރާކުރެވެމުން ދިޔަ ނަމަވެސް އަފްޣާނިސްތާނަށް ކަންތައް ދިމާވި ގޮތަށް އިރާގަށް ވެސް ކަންތައް ދިވާމެދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
އެމެރިކާ ބޭނުން ނަމަ މަޝްވަރާތައް ދިގުދަންމާނެ އެވެ. އެމެރިކާ ބޭނުންނަމަ އިރާގުން ހުށަހަޅާފައި ހުރި ހުށަހެންތަކަށް އެއްވެސް ޖަވާބެއްވެސް ނުދީފާނެ އެވެ.
މިއީ އެމެރިކާގެ ގޮންމުށުން ގައުމުތައް ހިސާރުކޮށް ދުނިޔެ ހިންގާ ގޮތެވެ.
އިރާގުން އެމެރިކާ ސިފައިން ބޭލުމާ ބެހޭ ގޮތުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ބުރާސްފަތި ދުވަހު ވިދާޅުވީ -- މިދިޔަ އަހަރު އެެމެރިކާއާއި އީރާގާ ދެމެދު ހަދާފައި އޮތް އެއްބަސްވުމާ އެއްގޮތަށް ސިފައިން ބޭލުމަށް މަތީ ފަންތީގައި މަޝްވަރާތައް ފައްޓަވާނެ ކަމަށެވެ.
އޮސްޓިން ވިދާޅުވި ގޮތުން މަޝްވަރާތައް ބިނާކުރައްވާނީ ދެ ގައުމުގެ ދެމެދުގައި ހަދާފައި ހުރި "ސަލާމަތާއި ރައްކާތެރިކަމާ ބެހޭ" އެއްބަސްވުންތައް އުވާލާނެ ގޮތަކާ މެދު އެވެ.
އިރާގުން އެމެރިކާ ސިފައިން ބޭލުމާ ބެހޭ ގޮތުން އެމެރިކާގެ ދިފާއީ ވަޒީރު ބަހެއް މި ވިދާޅުވީ -- ޣައްޒާ ހަނގުރާމައާ ގުޅިގެން، އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާތަކެއް ދީފައި ވަނިކޮށެވެ.
އިރާގުގެ އިރުބީލްގައި ހުންނަ އެމެރިކާގެ ދިފާއީ މަރުކަޒަކަށް ރޮކެޓާއި އަސްކަރީ ޑްރޯނުން ދިން ހަމަލާ އަކީ އަދި އެއަށް ވުރެ ބާރުގަަދަ ހަމަލާތަކެއް އެމެރިކާ ސިފައިންނަށް އަރާފާނެ ކަމަށް ދިން އިންޒާރެކެވެ.
މި ހަމަލާއާއި ގުޅިގެން އެމެރިކާއަށް ވަނީ ކޮންމެވެސް ވަރަކަށް ސިހުން ލިބިފަ އެވެ. އަދި އިރާގުގައި އެމެރިކާ ސިފައިން ދިގު މުއްތަކަށް ބައިތިއްބަން ހަދައިފިނަމަ ގޯސްތަކެއް ހިނގާފާނެ ކަމަށް އޮސްޓިން ވެސް ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމާވެރި ގުރޫޕްތަކުން އެމެރިކާ ސިފައިންނަށް ހަމަލާދިނުމަކީ އިރާގުން ރާަވައިގެން ކުރާ ކަމަކަށް ނުވި ނަމަވެސް އެމެރިކާ ސިފައިންގެ ހިމާޔަތުގައި އިރާގުން އެއްވެސް ކަމެއް ނުކުރާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.