ދުނިޔެ

އެމެރިކާގެ ހަމަލާތަކުގައި މަރުވި މީހުން އަދަދުކޮށްފައި ވަނީ ނުބައިކޮށް

އެމެރިކާގެ އަސްކަރިއްޔާއިން އިރާގާއި ސީރިއާ އަދި އަފްޣާނިސްތާނުގައި މަރާފައިވާ އާންމުން އަދަދު ކޮށްފައި ވަނީ ނުބައިކޮށް ކަމަށް ނިއުޔޯކް ޓައިމްސް ބުނެފި އެވެ.

ނިއުޔޯކް ޓައިމްސް ދިރާސާކުރި 1،311 އަށް ވުރެ ގިނަ ލިޔުމަކާ ހަވާލާދީ އެ ނޫހުން ބުނާ ގޮތުން އެމެރިކާގެ ހަމަލާތަކުގައި އިރާގާއި ސީރިއާ އަދި އަފްޣާންގެ އެތައް ހާސް އަންހެނުންނާއި ކުޑަކުދިން މަރުވެފައިވެ އެވެ.

ޕެންޓަގަންގެ އަރުޝީފުން ސިއްރިޔާތުގައި ހޯދި ކަމަށް ނިއުޔޯކް ޓައިމްސް ބުނާ ލިޔުންތަކުން ދައްކާ އަދަދުތައް، އެމެރިކާގެ އަސްކަރިއްޔާއިން ބުނާ އަދަދުތަކާ ދިމާނުވާ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އެއްވެސް ތަރުތީބެއް، ހަމައެއް ލަމައެއް ނެތި ހަމަލާ ދިމުނުގެ ސަބަބުން މަރުވެފައިވާ އާންމުންނާއި ކުޑަކުދިންގެ އަދަދު ކޮށްފައި ހުރި ނަމަވެސް އަސްލު އަދަދު ދުވަހަކު ވެސް ނޭނގޭނެ ކަމަށް ނިއުޔޯކް ޓައިމްސް ބުނެ އެވެ.

ނިއުޔޯކް ޓައިމްސް ބުނާ ގޮތުން ހަމަލާތަކުގައި މަރުވާ އާންމުން އަދަދު ކުރުމަކީ އަސްކަރިއްޔާއަށް އެހާ މުހިންމު ކަމެއް ނޫނެވެ. އަސްކަރިއްޔާއިން ވަކި އަމާޒަކަށް ހަމަލާ ދޭން ފޮނުވާ މިސައިލުން ގުޅުމެއް ނެތް ކިތަންމެ ބަޔަކު މަރުވި ނަމަވެސް އެއީ އެމީހުންނަށް އެއްވެސް ކަމެއް ނޫނެެވެ.

އެމެރިކާ ސިފައިން އިރާގާއި ސީރިއާ އަދި އަފްޣާންގައި ޓެރަރިސްޓުންނަށް ހަމަލާ ދީފައި ވަނީ ޓެރަރިސްޓުން ނައްތާލަންކަން ލިޔުންތަކުން އެނގޭ ކަމަށް ނިއުޔޯކް ޓައިމްސްގައި ބުނެ އެވެ. ޓެރަރިސްޓުންނާއި އާންމުން ވަކިކޮށް، އާންމުންނަށް ގެއްލުން ކުޑަވާނޭ ގޮތަށް ހަމަލާދޭން އެމީހުން ނުވިސްނާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

ނިއުޔޯކް ޓައިމްސް ބުނީ ރިޕޯޓް ތައްޔާރު ކުރުމުގައި މަންޒަރުތައް ހަމަލޮލުން ދުށް މީހުންނާ އިންޓަވިއުކޮށްފައި ވާނެ ކަމަށެވެ. އަދި އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރި މީހުންގެ ރައުޔު ވެސް ހޯދާފައި ވާނެ ކަމަށެވެ.