އީރާގުގެ އަންބަރު ޕްރޮވިންސްގައި ހުންނަ އެމެރިކާގެ އައިން އަލްއަސަދު އަސްކަރީ މަރުކަޒަށް ބާރުގަދަ ހަމަލާއެއް ދީފި އެވެ. އީރާގުގެ ޝަފްގް ނޫސް އެޖެންސީ ބުނާ ގޮތުން އެމެރިކާގެ އަސްކަރީ މަރުކަޒަށް 15 މިސައިލެއް ވަނީ އަރާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިސައިލްތައް އުދުއްސާފައި ވަނީ އިރާގުގެ އަލްބަޣްދާދީ ސިޓީންނެެވެ. މި ހަމަލާގައި އީރާގުގެ ބައެއް ސިފައިންނާއި އެމެރިކާގެ ބައެއް އޮފިޝަލުން ޒަޚަމްވެ އަނިޔާވެފައިވާ ކަމަށް އީރާގުގެ އަސްކަރިއްޔާގެ ތަރުޖަމާން ހަޙްޔާ ރަސޫލް ވިދާޅުވި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވެސް ވަނީ މި ހަމަލާ ކަށަވަރުކޮށްދީފަ އެވެ. މި ހަމަލާގައި އެމެރިކާ ސިފައިންގެ އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވެސް ސެންޓްކޮމްއިން ބުންޏެވެ.
ސެންޓްކޮމް އިން އަދި ބުނީ ސިފައިންނަށް ލިބިފައި ވަނީ ކޮން ކަހަލަ އަނިޔާއެއްތޯ ބެލުމަށް އެ މީހުންގެ ސިކުނޑި ވެސް ޗެކުކުރާނެ ކަމަށެވެ. އެއީ ސިކުނޑި ފަޅައިގެން ގޮސް ލޭފައިބާފައި ހުރިތޯ ބެލުމަށެވެ.
ސެންޓްކޮމް އިން އެކްސްގައި ބުނެފަައިވާ ގޮތުން ހަމަލާގެ ފަހަތުގައި ތިބީ އީރާގު ސަރުކާރަށް ތާއިދުކުރާ ބާޣީ ގުރޫޕްތަކެކެވެ. ހަނގުރާމަވެރިން ހަތިޔާރު ހޯދާ ގޮތް އެމެރިކާއަށް އަދި ކަށަވަރުވެފައި ނެތް ނަމަވެސް، ރޮކެޓާއި މިސައިލްގެ ބައިތަކުން އެކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
އީރާގުގައި ތިބޭ އެެމެރިކާ ސިފައިންނަށް ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މި ހަމަލާތަކުގައި ފަހަތުގައި ތިބީ އީރާގުގައި އެމެރިކާ ސިފައިން ތިބެގެން ނުވާނެ ކަމަށް ދެކޭ ގުރޫޕްތަކެވެ.
އެމެރިކާ ސިފައިން އީރާގުން ފޭބުމަށް އީރާގު ސަރުކާރުން ވެސް ވަނީ އަންގާފަ އެވެ. މިކަމާ ބެހޭ ގޮތުން ހަނގުރާމަވެރި ގުރޫޕްތަކުން ބުނަނީ -- ސަރުކާރުގެ އަމުރަށް ކިޔަމަން ނުވެ އެމެރިކާ ސިފައިން އީރާގުގައި ތިބޭ ނަމަ ބާރުގަދަ ހަމަލާތައް އަމާޒުކުރާނެ ކަމަށެވެ.
ބޮޑެތި އަނިޔާތަކުން ސަލާމަތް ވުމަށް އެމެރިކާއަށް އޮތް ގޮތަކީ އީރާގުން ފޭބުން ކަމަށް ވެސް ހަނގުރާމަވެރި ގުރޫޕްތަކުން ބުނެ އެވެ. އެ ނޫން ގޮތެއްގައި އެމެރިކާއަށް ނޭވާލާން ނުކުރޭ ވަރު ކުރާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.
ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ވެސް -- ސީރިއާ އަދި އީރާގުގައި ތިބި އެމެރިކާ ސިފައިން އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. މި ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވަކިން ބޮޑަށް އިތުރުވާނެ ކަމަށް ވެސް ހަނގުރާމަވެރިން ބުނެ އެވެ.
އީރާގާއި ސީރިއާގައި ތިބި ހަނގުރާމަވެރިން ކޮންޓްރޯލްކުރުމުގެ ބާރު އީރާގު އަދި ސީރިއާ ސަރުކާރަކަށް ވެސް ނޯވެ އެވެ. ހަނގުރާމަވެރިން އުޅެނީ އެއް ބަޔަކު އަނެއް ބަޔަކާ އެކުވެ ކޯލިޝާން ހަދައިގެންނެވެ.