ދުނިޔެ

އީރާގުގައި އެމެރިކާ ސިފައިންގެ އެކަކު ހުރުމަކީ ވެސް ގޯހެއް: ޚާމަނާއީ

އެމެރިކާ ސިފައިންނަށް އީރާގުން ނުފޭބިގެން އުޅެނީ ކީއްވެތޯ ވިދާޅުވެ އީރާންގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ސުވާލު ކުރައްވައިފި އެވެ. އޭނާ ވިދާޅުވީ އީރާގުގައި އެމެރިކާ ސިފައިންގެ އެކަކީ ވެސް މާ ގިނަ އަދަދެއް ކަމަށެވެ.

ޚާމަނާއީ މިހެން ވިދާޅުވީ އީރާންގެ ރައީސް އަބްދުއްލަތީފް ރަޝީދު އަރިހުގަ އެވެ. އަބްދުއްލަތީފް ރަޝީދު މިހާރު ހުންނެވީ އީރާންއަށް ކުރައްވާ ރަސްމީ ދަތުރެއްގައި، ތެހެރާންގަ އެވެ. މިއީ ފާއިތުވި އޮކްޓޯބަރުގައި އަބްދުއްލަތީފް ރަޝީދު އީރާގުގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އީރާންއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އީރާގުގެ ރައީސްއާ މުޚާތަބުކުރައްވައި ޚާމަނާއީ ވިދާޅުވި ގޮތުގައި އެމެރިކާ އަކީ އެއްވެސް ބައެއްގެ އެކުވެރިއެއް، އެހީތެރިއެއް ނޫނެވެ. އެމެރިކާ އަކީ ޔުރަޕާ ކިތަންމެ ގާތްކޮށް ހިތައިގެން އުޅޭތަން ފެނުނަސް -- ޔޫރަޕަށް ހެޔޮއެދޭ ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚާމަނާއީ ވިދާޅުވި ގޮތުގައި އީރާން އާއި އިރާގަކީ ވަރަށް ގާތް ގުޅުމެއް އޮންނަން ޖެހޭ ދެ ގައުމެވެ. އެހެން ނަމަވެސް، ބޭރު އެހެން ބައެއްގެ ނުފޫޒާ ހެދި ގެ ގައުމަށް ގުޅުން ބަދަހި ނުކުރެވެނީ އެވެ.

އަބްދުއްލަތީފް ރަޝީދުގެ މި ދަތުރުގައި އީރާންގެ ރައީސް، އިބްރާހީމް ރައީސީއާ ވެސް ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި އިބްރާހީމް ރައީސީ ވިދާޅުވީ އީރާގުގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ އީރާނަށް އޮތް ނުރައްކަލެކެވެ.

އީރާގުގައި އެމެރިކާ ސިފައިން ތިބިހާ ހިނދަކު އީރާނަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށް ވެސް އިބްރާހީމް ރައީސީ ވިދާޅުވި އެވެ.

އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި އީރާން އާއި އީރާގާ ދެމެދު އޮތް ގާތް އެކުވެރިކަމުން ދެ ގައުމަށް ވެސް ފައިދާކުރާނެ އެވެ. ދެ ގައުމެއްގެ ދެމެދުގައި އެއްބަސްވުމެއް ގާއިމުކުރަން ޖެހޭނީ ދެ ގައުމަށް ވެސް ލާބަ އާއި ފަންފާކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއާ އެކު އެއްވެސް ގައުމަކުން އެއްބަސްވުމެއް ހަދައިފި ނަމަ އޭގެ ފައިދާ އެންމެ ބޮޑަށް ކުރާނީ އެމެރިކާއަށް ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ. ގިނަ ފަހަރު އެމެރިކާ ނޫން ބަޔަކަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ އަސްކަރީ ޖެނެރަލް ގާސިމް ސުލައިމާނީ 2020 ގައި އަވަހާރަކޮށްލި ފަހުން އީރާނުން ދަނީ އީރާގުން އެމެރިކާ ސިފައިން ބޭލުމަށް ގޮވާލައި ޕްރެޝަރު ކުރަމުންނެވެ. އެހެން ނަމަވެސް، އެމެރިކާގެ ނުފުޒާ ހެދި އީރާގަށް އެކަން ކުރެވޭ ގޮތެއް އަދިވެސް ނުވެ އެވެ.