އީރާން

އިރާގުގައި ހިފަހައްޓާފައި ހުރި އިރާންގެ 10 ބިލިއަން ޑޮލަރު ދޫކުރަން ނިންމައިފި

އެމެރިކާ އިން އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހެދި އިރާގުގައި ހިފަހައްޓާފައިވާ އިރާނުގެ 10 ބިލިއަން ޑޮލަރު ދޫކުރަން އިރާގުން ނިންމައިފި އެވެ.

އިރާގުން މި ނިންމުން ނިންމާފައިވަނީ އެމެރިކާ އިން މިފައިސާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދޫކޮށްލުމާ ގުޅިގެންނެވެ.

އިރާގުން އިރާނަށް ދޫކުރާ 10 ބިލިއަން ޑޮލަރަކީ އިރާގުން އިރާން އަތުން ގަނެފައިވާ ގުދުރަތީ ގޭހާއި އަދި ހަކަތައަށް ދައްކަންޖެހޭ ފައިސާ އެވެ.

އިރާނުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި އިރާގުގައި ހިފަހައްޓާފައިވާ 10 ބިލިއަން ޑޮލަރު ޓްރޭޑް ބޭންކް އޮފް އިރާގަށް (ޓީބީއައި) ޑިޕޮޒިޓް ކުރެވިގެންދާނެ އެވެ. އަދި އިރާނުން ބޭނުންވާ ތަކެތި ގަތުމަށް މި ފައިސާ ބޭނުންކުރުމުގެ ހުއްދަ އޮންނާނެ އެވެ. ނަމަވެސް މިފައިސާ ބޭނުންކޮށްގެން އިރާނަށް ގަނެވޭނީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ނުވާ ތަކެއްޗެވެ.

އިރާން އިރާގު ޖޮއިންޓް ޗެމްބާ އޮފް ކޮމާސްގެ ވެރިޔާ ޔަހްޔާ އަލް އިސްހާގު ވިދާޅުވި ކަމަށް އިރާނުގެ މީޑީއާތަކުގައި ވަނީ އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި މާލީ ވިޔަފާރީގެ މުއާމަލާތް ކުރުމުގެ އެއްވެސް ހުރަހެއް މިވަގުތު ނެތް ކަމަށެވެ. އިސްހާގު އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިއީ އިސްތިރާޖީ ފުރުސަތެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީބީއައިއަށް ޖަމާކުރާ ފައިސާއިން ބޭސް ފަދަ ތަކެތި ގަތުމަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ.

އެމެރިކާ އިން އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އިރާގުން އިރާނަށް ސީދާ ފައިސާގެ މުއާމަލާތް ކުރެވޭ ގޮތަކަށް ނޯވެ އެވެ.

އިރާގުގައި ގިނަ އަދަދަކަށް ގޭހާއި ތެލުގެ ރިޒާވްތައް ހުރި ނަމަވެސް އިރާންގެ ހަކަތައަށް ބޮޑުތަނުން އިރާގު ވަނީ ބަރޯސާވަންޖެހިފަ އެވެ. އިރާގަށް ބޭނުންވާ ހަކަތައިގެ ތިންގުނަ ފޯރުކޮށްދެނީ އިރާނުންނެވެ.

އިރާގުން އިރާނަށް ދަރާފައިވާ ފައިސާ ނުދައްކާތީ އިރާނުން ވަނީ ފާއިތުވިތަނުގައި އިރާގަށް ހަކަތަ ފޯރުކޮށްދިނުމުގައި ހިފެހެއްޓުންތަކެއް ހިފަހައްޓާފަ އެވެ. އެކަމާ ހެދި އިރާގުގައި ކަރަންޓް ފޯރުކޮށްދިނުމަށް ދަތިތައްވެސް ކުރިމަތިވެ އެވެ.