ދުނިޔެ

އީރާންގެ ފައިސާތައް އަދި ދޫކުރެވޭކަށް ނެތް: ޖަރުމަނު

އެމެރިކާ އާއި ބައިވެރިންނާއެކު ވިއެނާގައި ކުރިއަށް ގެންދާ އީރާންގެ ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް ބާރެއް ގޮތުގައި އެމެރިކާއިން ހިފަހައްޓާފައި ހުރި އީރާންގެ ފައިސާތަކުން ބައެއް ދޫކޮށް ދިނުމާށް އިރާނުން އޮތީ އެދިފަ އެވެ.

އީރާންގެ މި އެދުމަށް ރައްދު ދެމުން ޖަރުމަނުން ބުނީ ފައިސާތަައް ދޫކޮށްދޭން ޖެހޭ ވަރުގެ ކަމެއް އިރާނުން އަދި ނުކުރާ ކަމަށާއި ލަސް ނުކޮށް މަޝްވަރާތައް ފެށުން ނޫން ގޮތެއް މިވަތުގު ޖަރުމަނު ގަބޫލު ނުކުރާނެ ކަމަށެވެ.

އިރާން އެދިފައި އޮތް އެދުމަށް އެއްވެސް ކަހަލަ އެދެވޭ އަމަލެއް ޖަރުމަނުގެ ފަރާތުން ފެނިދާނެތޯ ސުވާލު ކުރުމުން، ފޮރިން މިނިސްޓަރީގެ ތަރުޖަމާން ކްރިސްޓޮފާ ބާގާ ވިދާޅުވީ ތެހެރާންގެ އެ އެދުމަށް ޖަރުމަނު ދެކޮޅު ކަމަށެވެ. އޭނާ އަދި ވިދާޅުވި މަޝްވަރާތައް ލަސްކުރާ ނަމަ އެފަދައި ތެހެރާނުން އެދޭ އެއްވެސް އެދުމަކަށް ޖަރުމަނު އާނއެކޭ ނުބުނާނެ ކަމަށެވެ.

އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުއްލަހިޔާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުން އެމެރިކާއިން ހިފަހައްޓާފައި ހުރި ފައިސާއިން 10 ބިލިއަން ޑޮލަރު ދޫކޮށްދީފި ނަމަ މަޝްވަރާތަކަށް ހިތްވަރަކަށް ވާނެ އެވެ.

ޖަރުމަނުން ބުނީ ވިއެނާގައި މަޝްވަރާ ކުރުމަށް އީރާނުން ކުރިން ކުރި ޝަރުތުތައް ފިޔަވައި އިތުރު ކަމެއް މޭޒު ދޮށަށް ގެނެސްގެން ނުވާނެ ކަމަށާއި ވާހަކަތައް ކޮޅެއްގައި ޖެހުމުން މެނުނީ ދެން ކުރިއަން ދާން ވަކި ގޮތެއް ނުނިންމާނެ ކަމަށެވެ.

ޖަރުމަނުން ބުނި ގޮތުން ނިއުކްލިއާ މަޝްވަރާތައް ކޮޅެއްގައި ޖެއްސުމަށް މަޝްވަރާތައް ފެށުމަށް އިރާންގެ ކިބައިން ވަރަށް ގިނައިން އެދެވިއްޖެ އެވެ. މަޝްވަރާތަކުން ހެޔޮ ބަދަލެއް ނުފެނިއްޖެ ނަމަ އީރާނާ މެދު ގައުމުތަކުން މުއާމަލާތްކުރަން އުސޫލުތަކެއް ކަނޑައަޅާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ނިއުކްލިއާ މަޝްވަރާތައް އީރާނުން މަޑުޖައްސާލީ ޖޫންގައި އޮތް ރިޔާސި އިންތިހާބަށެވެ. މަޝްވަރާތައް އަލުން ފަށާނެ ކަމަށް އެއިރު ބުނީ އާރައީސް، އިބްރާހީމް ރައީސީ އޮފީހާ ހަވާލުވެ ވަޑައިގަތުމުންނެވެ. ރައީސީ ގައުމާ ހަަވާލުވެ ވަޑައިގެން ދުވަސްތަކެއް ފާއިތުވެ ދިޔަ ނަމަވެސް މަޝްރާތައް އަދިވެސް ނުފެށެ އެވެ.