ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި އެވެ.
ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ ވެރިރަށް ތެހެރާންގައި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެ އެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަޔާނަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑުގެ ތެރެއިން އެކަކު އަވާހަރަކޮށްލާފައިވަނީ އެމީހުން ތިބި އިމާރާތުގައި ދިން ހަމަލާތަކަކުންނެވެ.
އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވަނީ ހަނިއްޔާ ތެހެރާނަށް ވަޑައިގެންނެވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އަންގާރަ ދުވަހު ކަމަށެވެ.
ހަމާސް އިން ބުނެފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ތެހެރާންގައި ހުންނަ އޭނާގެ ގެއަށް ޒަޔަނިސްޓުން ހިންގި ހިޔާނާތްތެރި ރޭޑެއްގަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގެ ވެރިރަށް ތެހެރާނުގައި އޭނާގެ ގޭގައި އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިއަހަރުގެ ކުރީކޮޅު އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާގެ ތިން ދަރިން ވަނީ ޝަހީދުކޮށްލާފަ އެވެ.