ދުނިޔެ

އެމެރިކާ ހަނގުރާމައަށް ތައްޔާރު ވަނީ

މެދުއިރުމަތީގައި ހަނގުރާމައެއް ފެށިދާނެ ކަމަށް އެމެރިކާ ތައްޔާރު ކަމަށް ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފި އެވެ.

ބޭނުންވެއްޖެ ނަމަ ހަތިޔާރާއި ހަނގުރާމަވެރިން އުފުލަން އުޅަނދުތައް ތައްޔާރު ކަމަށް ވެސް ގައުމީ ސަލާމަތާ ބެހޭ އިދާރާގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި އެވެ.

އެމެރިކާ އާއި އެމެރިކާގެ ޝައުގުވެރިކަން އަދި ބައިވެރިންގެ ހިމާޔަތުގައި ނުކުތުން އެމެރިކާއަށް ވާޖިބު ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އިޒުރޭލު ދިފާއުކުރުމަކީ އެމެރިކާއިން ކޮންމެ ހާލެއްގައި ވެސް ކުރާނެ ކަމެއް ކަމަށް ޖޯން ކާބީ ވިދާޅުވި އެވެ. އަސްކަރީ ގޮތުން އިޒުރޭލަށް މަދަދުވެރިވުމަކީ ވެސް އެމެރިކާގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކުގެ ކިބައިން -- ހާއްސަކޮށް އީރާންގެ މަދަދަދުވެރިކަމާ އެކު ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން އަދި ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ ކިބައިން އިޒުރޭލު ދިފާއުކުރުމަށް އެމެރިކާ ދުރާލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޖޯން ކާބީ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވީ އިޒުރޭލަށް ހަމަލާދިނުމުގެ އަމުރެއް، އީރާންގެ ލީޑާރު އަލީ ޚާމަނާއީ ނެރުއްވުމާ ގުޅިގެންނެވެ. އީރާނަށް ވާގިވެރިވާ ޖަމާއަތްތަކުން ގުޅިގެން އިޒުރޭލަށް ހަމަލާދިނުމަށް އަލީ ޚާމަނާއީ ވަނީ ގޮވާލައްވާފަ އެވެ.

ޖޯން ކާބީ ވިދާޅުވި ގޮތުގައި އަލީ ޚާމަނާއީގެ ގޮވާލެއްވުން އޭނާއަށް ވަރަށް ސާފުކޮށް އަދި ވަރަށް ބާރަށް އިވިވަޑައިގެންނެވި ކަމަށެވެ. އިޒުރޭލަށް ހަމަލާދިނުމަށް އެމެރިކާ އެދުންވެރިވެފައި އޮތް ވަރު އޭނާއަށް އިހުސާސްކުރެވޭ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އިޒުރޭލަށް އިތުރު ހަމަލާއެއް ދޭތަން ބަލަން އެމެރިކާ ނޯންނާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އޭގެ ކުރިން އީރާން މައިތިރިކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި ހުއްޓައި އިޒުރޭލުން ހަމަލާދީ މަރާލުމަކީ ބަދަލުހިފުން ވާޖިބު ކަމެއް ކަމަށް އިރާނުން އޮތީ ބުނެފަ އެވެ.

އިޒުރޭލަށް ދޭ ހަމަލާ އަކީ ހަނގުރާމަވެރި ގުރޫޕްތައް ގުޅިގެން އަދި އިޒުރޭލާ އެކަށީގެންވާ ވަރުގެ ހަމަލާއެއް ކަމަށް ހަދާނެ ކަމަށް ވެސް އިރާނުން ބުންޏެވެ.