ދުނިޔެ

ޔަހޫދީންނާ އެކު އެމެރިކާ ސިފައިން އެއްގަމު މަގުން ޣައްޒާއަށް

ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތްއިރު އެމެރިކާ ސިފައިން ވެސް ޔަހޫދިންނާ ބައިވެރިވި ކަމަށް އީރާން ބުނެފި އެވެ.

އިރާން ބުނާ ގޮތުން ޣައްޒާއަށް އަރާ ތިބި ޔަހޫދީ ސިފައިންގެ ތެރޭގައި އެމެރިކާގެ 5،000 ސިފައިން ވެސް އެބަ ތިއްބެ އެވެ. އެ މީހުން އެކުގައި މުޅި ޣައްޒާ ސުންނާފަތިކޮށް އަތުޖެހުނުހައި މީހެއްގައި ހަމާސްގެ ލޭބަލު އަޅުވައި ހައްޔަރުކުރަމުންދާ ކަމަށް ވެސް އީރާން ބުނެ އެވެ.

އެމެރިކާގެ ސްޕެެޝަލް އޮޕަރޭޝަން ކޮމާންޑްގެ ތަރުޖަމާން ވިދާޅުވި ގޮތުން އީރާން އެ ހަދަނީ ބުހުތާން ގޮތެކެވެ. ޔަހޫދީ ސިފައިންނާ ބައިވެރިވުމަށް އެމެރިކާ ސިފައިން ނުފޮނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއަށް އަރައިގަނެ ހަމާސްގެ ފަހަތުން ދުއްވައިގަތުމަށް ބޭނުންވާ ހުރިހާ ތަމްރީނެއް ޔަހޫދީ ސިފައިންނަށް ދެނީ އެމެރިކާ އެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތައް އެ ސަރަހައްދުގައި އޮވެގެން ޔަހޫދީންނަށް ޖާސޫސްކޮށްދިނުމާއި އަމަލީ ގޮތުން އެހިތެރިވުން ނޫން ކަމެއް ނުކުރާ ކަމަށް ވެސް އީރާން ބުނެ އެވެ.

ޔަހޫދީ ސިފައިން ޣައްޒާއަށް އެއްގަމު މަތުން އަރައިގަތީ ހަމާސްއިން އަސީރުކޮށްފައި ތިބި ޔަހޫދީން ހޯދުމަށާއި ހަމާސް ބަލިކުރުމަށެވެ.

ނަމަވެސް، ހަތިޔާރުއެޅި ޔަހޫދިން ޣައްޒާގައި ކުރަނީ މުޅިން އެ މަސައްކަތް ނޫން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޔަހޫދީންގެ ވިސްނުން ހުރީ ޣައްޒާއިން އާންމުން ދުރުކޮށް މުޅި ސަރަހައްދު ހުސްކުރަން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ހަމާސްއިން ބުނާ ގޮތުން ޔަހޫދީން ބޭނުން ނަމަ އަސީރުން ދޫކޮށްލެވިދާނެ އެވެ. ޝަރުތަކީ ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ހުރިހާ މީހުން ދޫކޮށްލުން ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އަދި ހަމަލާތައް ހުއްޓާލުމަކީ ވެސް ޔަހޫދީންނަށް އޮތް ޝަރުތެކެވެ.

ޚަބަރުތައް ބުނާ ގޮތުން އަސީރުންގެ ގޮތުގައި 200 އަށް ވުރެ ގިނަ ޔަހޫދީން ހަމާސްއިން ވަނީ ހިފަހައްޓާފަ އެވެ.

ޔަހޫދީ ސަރުކާރަށް އޮތް ޝަރުތަކީ އިތުރު އެއްވެސް ޝަރުތަކާ ނުލައި ފަލަސްތީންގެ ހުރިހާ މީހުން ދޫކޮށްލުން ކަމަށް ހާމާސްއިން ވަނީ ބުނެފަ އެެވެ.

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި އަސީރު ބަދަލުކުރުމާ ބެހޭ ގޮތުން ވާހަކަދައްކާނީ ހަމާސް ބަލިކޮށްފަ އެވެ.

ހަމާސް ބަލިކުރުމަށް ޓަކައި ޣައްޒާގެ ބިމުއަޑީގައި ހަދާފައި ބިންގަރާސްތަކުގައި ފެންބޮޑުކޮށްލާނެ ކަމަށް ވެސް ޔަހޫދި ބޮޑުވަޒީރު ކުރިން ވިދާޅުވި އެވެ.