ރާއްޖޭގެ ގިނަ ބަޔަކަށް ބަންގްލަދޭޝަން އެނގޭ ގޮތާއި މިހާރު އެ ގައުމު އޮތް ހިސާބު މުޅިން ތަފާތެވެ. ރާއްޖޭގެ ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އެ ގައުމަކީ ހަމައެކަނި ރާއްޖެއަށް ބޭނުންވާ މަސައްކަތު މީހުން އިމްޕޯޓް ކުރާ ގައުމެކެވެ. ނަމަވެސް އެ ގައުމަކީ ހަމައެކަނި ލޭބަރުން ގައުމުތަކަށް ގައުމެއް ނޫނެވެ. މިހާރު އެ ގައުމު ވެފައިވަނީ ދެކުނު އޭޝިއާ އިން ވެސް އަދި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް އިކޮނޮމީއަށެވެ. މިކަމުގެ ހެއްކަކީ ކޮވިޑުގެ ދަތި ވަގުތުގައި 400 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި އަވަށްޓެރިންނަށް ދޫކުރުމުގެ ގާބިލްކަން އެ ގައުމަށް ލިބުމެވެ. މި ގާބިލްކަން ލިބުމުގައި ސަބަބު ތަކެއް ވާނެ އެވެ.
މިހާރު އެ ގައުމުގެ އިގްތިސޯދަކީ މި ސަރަހައްދުގެ ގައުމުތަކާ އަޅާ ކިޔާނަމަ އެންމެ ހަލުއި ކަމާއެކު ކުރި އަރަމުން އަންނަ އެއް އިގްތިސޯދެވެ. އިގްތިސޯދީ ނަމްބަރު ތަކަށް ބަލާއިރު އެ ގައުމުގެ ޖުމްލަ ޖީޑީޕީގެ މިހާރުގެ އަގަކީ 324.2 ބިލިއަން ޑޮލަރެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް އުޅެނީ 1,968.79 ޑޮލަރުގަ އެވެ. އަދި އެހެން ނަމްބަރުތައް ވެސް ދައްކަނީ ޕޮޒިޓިވްކޮށެވެ.
43 ބިލިއަން ޑޮލަރުގެ ވަރުގަދަ ރިޒާވެއް
ވޯލްޑް ބޭންކް އިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބަންގްލަދޭޝްގެ އިގްތިސޯދު ކުރިއަރައި ޖީޑީޕީ ގްރޯތް މި އަހަރު 5.5 ޕަސެންޓުގައި ހުންނާނެ އެވެ. އަދި އަންނަ އަހަރު ޖީޑީޕިގެ ކުރިއެރުން 6.8 ޕަސެންޓަށް މައްޗަށް ޖެހިލާނެ އެވެ. ބަންގާޅު އިގްތިސޯދަށް ކުރިއެރުން ލިބުމުން ދިއުމުގެ މައިގަނޑު އެއް ސިއްރަކީ ގައުމުން ބޭރުގައި މަސައްކަތް ކުރާ ވަރުގަދަ "ވޯކް ފޯސް" އެވެ. އެ މަސައްކަތު އާބާދީން ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއް އެ ގައުމަށް އެތެރެކުރެ އެވެ.
މީގެ އިތުރުން އެ ގައުމުގެ އިކޮނޮމީ މިހާރުގެ ހަލުއިމިނަށް އައިސް ސްޕީޑް މެކުހަށް ޖެހުމުގެ މައިގަނޑު އެއް ސަބަބަކީ އެ ގައުމުގެ އެތެރޭގެ ދަރަނި ބޮޑު ތަނުން ކުޑަކުރަން އެޅި ފިޔަވަޅު ތަކެވެ. މީގެ ސަބަބުން ބަންގާޅު އިގްތިސޯދު ހަލުއި ކަމާއެކު ކުރިއަރައިގެން ދިޔަ އެވެ. އަދި އެ ގައުމުން ވަނީ މި އަހަރު ތެރޭގައި ފޮރިން ކަރަންސީން މުއާމަލާތްތަކުން ޕޭމަންޓް ހެދުމުގެ ގަވައިދު ތަކަށް ވެސް ލުއިތަކެއް ދީފަ އެވެ. މީގެ ނަތީޖާއަކީ ކޮންމެ އަހަރަކު 400،000 މީހުން ގައުމުން ބޭރަށް މަސައްކަތް ކުރަން "ހިޖުރަކުރާ" ގައުމު ފޮރިން ކަރަންސީ މުއްސަނދިކަން މަތިވުމެވެ.
މިހާރު ބަންގާޅުގެ ފޮރިން ކަރަންސީ ރިޒާވް 43 ބިލިއަން ޑޮލަރަށްވުރެ މައްޗެވެ. ނަތީޖާއަކީ ކޮވިޑުގެ ތެރޭގައި ހިއްސާގެ ބާޒާރު ފަދަ ވިޔަފާރީގެ މުއާމަލާތްތަކުގައި "ތަޅު" އެޅުވުނު ވަގުތު އެ ގައުމުގައި ފޮރިން ކަރަންސީ އިތުރުވެގެން ދިއުމެވެ. އެހެންވެ އެ ގައުމުން ސަރަހައްދީ ޕޮލިޓިކްސް އަދި ޖިއޯ ޕޮލިޓިކްސްގައި އެއް ފިޔަވަޅު ކުރިއަށް ޖެހިލައި ސްރީލަންކާ އަށް 200 މިލިއަން ޑޮލަރުގެ ސްވޮޕެއް ދިނެވެ. ރާއްޖޭން އާދޭސްކޮށް ގަތުމުން 200 މިލިއަން ޑޮލަރުގެ ލޯނެއް ދޭން އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ނިންމާފަ އެވެ .
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުމުގައި މި ލޯނުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރައްވާނެ ކަމަަށް ބެލެވެ އެވެ.
އަންނައުނު ދުނިޔޭގެ ބޮޑު ފެކްޓަރީ
ބަންގާޅު އިގްތިސޯދު ހަލުއި ކަމާއެކު ކުރިއަރަމުން ދާއިރު މި ގައުމަކީ ވިއެޓްނާމް ނަގާފައި ދުނިޔޭގައި އޮތް އެންމެ ބޮޑު ފެކްޓަރީ އެވެ. މިއީ ދުނިޔޭގެ ގިނަ ބްރޭންޑްތަކުގެ އަންނައުނު އުފައްދާ މައި ފެކްޓްރީތައް ހުންނަ ގައުމެވެ. ހަމައެކަނި އަންނައުމުގެ އުފެއްދުމަށް ބަލާނަމަ ވެސް ހަތަރު މިލިއަނެއްހާ ފެކްޓްރީ އެ ގައުމުގައި ފެތުރިފައިވެ އެވެ. މި ފެކްޓްރީތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ "އެޗްއެންޑްއެމް" އާއި "ޕްރިމާކް" އާއި "ގެޕް" ގެ އިތުރުން "ނައިކް" އާއި "ނިއުލުކް" އަދި "ޒާރާ" ފަދަ މަޝްހޫރު އެތައް ބްރޭންޑެއް ހިމެނެ އެވެ. ގިނަ ބަޔަކަށް ނޭނގުނަސް ޝޮޕިން އަށް ވެސް އެންމެ ކޮލިޓީ އަދި ޗީޕް ގައުމަކީ މިއެވެ.
ދުނިޔޭގެ އަންނައުމުގެ ވިޔަފާރީގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރާ މި ގައުމުގެ ގާމަންޓް ވިޔަފާރި ކޮވިޑަށްފަހު މިހާރު ދަނީ ހަމަ އަކަށް އެޅެމުންނެވެ. އެ ގައުމުގެ ކްލޯތިން އިމްޕޯޓް މި އަހަރުގެ މިހާތަނަށް 15 ޕަސެންޓު އިތުރުވެ 38.76 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. މި ވިޔަފާރި އަލުން އަނބުރާ ޓްރެކަށް އައުމަކީ ބަންގާޅު އިގްތިސޯދު އިތުރަށް ހަލިވި ވެގެންދާނެ ކަމެއް ކަމަށް މާހިރުން ގަބޫލު ކުރެ އެވެ. މިހުރިހާ ކަމަކާއެކު ދުނިޔޭގެ އިގްތިސޯދީ މާހިރުން ގަބޫލު ކުރާ ގޮތުގައި މިސަރަހައްދުން ދެން އެންމެ ބޮޑު އިގްތިސޯދީ ބާރަކަށް ވާނީ ބަންގާޅެވެ. އެ ގައުމުގެ އިގްތިސޯދީ ދުވެލި މިހާރު ހުރި އަތުނުވާ ސްޕީޑެއްގަ އެވެ.