ކެނދިކުޅުދޫ

ކެނދިކުޅުދޫގައި 50 އެނދުގެ އީކޯ ލަގްޒަރީ ހޮޓަލެއް އަޅަނީ

ނ. ކެނދިކުޅުދޫގައި 50 އެނދުގެ އީކޯ ލަގްޒަރީ ހޮޓަލެއް ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކެނދިކުޅުދޫ ކައުންސިލުން މިމަސައްކަތް ހަވާލުކޮށްފައިވަނީ ސްޓާކެން ކޮންސަލްޓިންގް ޕްރައިވެޑް ލިމިޓެޑަށެވެ.

ކެނދިކުޅުދޫގައި އޮންނަ މަޝްހޫރު ކުޅީގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް އެވެ. ސްޓާކެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ސާމިހު މުހައްމަދެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނީ މިއެއްބަސްވުމަކީ އެ ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމަށް ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ފެށުމެއް ކަމަށެވެ.

ލަގްޒަރީ ހޮޓާ އެޅުމަށް ސްޓެކާންއަށް އެއް ހެކްޓަރު ބިން 50 އަހަރުގެ މުއްދަތަކަށް ވަނީ ދީފަ އެވެ.

މިމަޝްރޫއަށް 80 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ސްޓެކާން އިން ދެކޭއިރު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިމަޝްރޫއު ނިމޭނެ ކަމަށްވެސް އެ ކުންފުނިން ލަފާކުރެ އެވެ.

ނ. ކެނދިކުޅުދޫއަކީ ގުދުރަތީ ގޮތުން ރީތި ފަޅަކާއި ރީތި ކުޅިއެއް އޮތް ބޮޑު ރަށެކެވެ.