ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީ އިން ބުނެފި އެވެ.
ޕީއެންސީ އިން ސަރުކާރުގެ ދިފާއުގައި ބަޔާނެއް ނެރެފައި މިވަނީ އެ ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު އިދިކޮޅު އެމްޑީޕީއަށް އަމާޒުކޮށް ކުރެއްވި ބޮޑު ތުހުމަތަކާ ގުޅިގެންނެވެ.
މިޖަލްސާގައި ނިހާދު ވަނީ ރާއްޖެ އަށް ދެ މިލިއަން ވަނަ ފަތުރުވެރިޔާ އައުމަށް ތައްޔާރުވަމުންދާއިރު އިދިކޮޅު އެމްޑީޕީ އިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަދައްކަވާފަ އެވެ.
ނިހާދުގެ އެއްވެސް އަސާސެއް ނެތް ބޮޑު ތުހުމަތާ ގުޅިގެން އޭނާ މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.
ނިހާދުގެ ތުހުމަތާ ގުޅިގެން ޕީއެންސީ އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއަކުންވެސް އަދި މަދަނީ ޖަމިއްޔާއަކުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ޖުމްލަ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭ ފަދަ ނުރައްކާތެރި އެއްވެސް އަމަލެއް ނުހިންގާނެ ކަމަށެވެ. ޕާޓީތަކާއި ޖަމިއްޔާތައް ހަރަކާތްތެރިވާނީ ގާނޫނުގެ ތެރޭގައި ކަމަށާއި، ގާނޫނީ އިމުން ބޭރުވެއްޖެނަމަ އިދާރާތަކުން ފިޔަވަޅު އަޅާނެ ކަމަށް ޔަގީންކުރާ ކަމަށްވެސް ބަޔާނުގައިވެ އެެވެ.
ޕީއެންސީ އިން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްފައިވާ މީހުންގެ އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މިބަޔާނުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެއަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.