ހަބަރު

"ތައްޔާރުނުވެ، ސަރުކާރުން ޓޫރިޒަމް އިންޑަސްޓްރީއަށް އޮޅުވާލީ"

Dec 22, 2020
3

އާ އަހަރު ފާހަގަ ކުރަން ރާއްޖެ އަންނަ މީހުން ގިނަވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިންތިހާއަށް ލޯޑު ބޮޑުވެފައިވަނީ، ސަރުކާރުން އެކަމަށް ތައްޔާރުނުވެ، ޓޫރިޒަމް އިންޑަސްޓްރީއަށް އޮޅުވާލުމުންކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

ވީއައިއޭގެ އެއާ ޓްރެފިކް ރެކޯޑު 42 ޕަސެންޓް އިތުރުވެފައިވާއިރު، ބައެއް ފްލައިޓްތައް ނުޖެއްސި ދެ ގަޑިއިރު ވަރު މަތީގައި އުދުހެން ޖެހޭ ހާލަތަށް ވަނީ ވެއްޓިފައި އެވެ.

މީގެ އިތުރުން، ވީއައިއޭގެ އިންތިޒާމުތައް ދޯހަޅިކަމުން، ރާއްޖެއަށް އަންނަ ޓޫރިސްޓުން އެއާޕޯޓުގައި އެތަކެއް ގަޑިއިރެއް ހޭދަކުރަންޖެހި، ކަނެކްޓިން ސީޕްލޭނާއި ޑޮމެސްޓިކް ފްލައިޓުތައް މިސްވެ، ޗުއްޓީން ދުވަސްތަކެއް ގެއްލެމުންދާކަމުގެ ޝަކުވާތައްވެސް ވަނީ އިތުރުވެފައި އެވެ.

އެ ޝަކުވާތަކަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ މިކަމުގައިވެސް ސަރުކާރުން ވަނީ ޓޫރިޒަމް އިންޑަސްޓްރީއަށް އޮޅުވާލާފައި ކަމަށެވެ.

މިގޮތުން، ޓޫރިސްޓުން އައުމަށް ތައްޔާރުވުމަށް އެތައް މަހެއް ލިބި، ޑިސެމްބަރު މަސް ނިމެންދާއިރުވެސް، އެއާޕޯޓުގެ އިންތިޒާމުތައް ހަމަނުޖެއްސޭކަން ސައީދު ފާހަގަކުރެއްވި އެވެ.

"ކުރިއާލާ އެއްވެސް މަސައްކަތެއް ކުރިނަމަ، އެއާކްރާފްޓުތައް ގެއްލުމުގައި އެތައް އިރަކު މަޑުކުރަން ނުޖެހުނީސް،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް 132،803 މީހުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމްލަ 515،650 ޓޫރިސްޓުން އައިސްފައިވެ އެވެ.