މިނިސްޓްރީ އޮފް ޓޫރިޒަމް

މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކީ މިމަހުގެ 26ވީ އާދިއްތަ ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ އައު ރެކޯޑެއް އިއްޔެ އަނެއްކާވެސް ހަދާފައިވާ ކަމަށެވެ. މިހާރު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ދުވަހަކީ މިމަހުގެ 26 ވަނަ ދުވަސް ކަމަށެވެ. އެދުވަހު 7,098 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހަކަށް ވެފައި އޮތީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އެއީ 6،269 ފަތުރުވެރިންނާ އެކުގަ އެވެ.

މިހާރު މި ލިސްޓުގައި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އޮތީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ. އެއީ 6،197 ފަތުރުވެރިންނާ އެކުގަ އެވެ. އަދި ހަތަރުވަނަގައި އޮތީ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހެ އެވެ. އެ ދުވަހު 6،083 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ނޮވެމްބަރު މަހު އެވެ. އެ މަހު ރާއްޖެއަށް 144،725 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިން ޒިޔާރަތްކުރި ގޮތުގެ ތަފާސްހިސާބު

  • ޖެނުއަރީ - 92،103 ފަތުރުވެރިން
  • ފެބްރުއަރީ - 96،882 ފަތުރުވެރިން
  • މާޗް - 109،585 ފަތުރުވެރިން
  • އޭޕްރީލް - 91،200 ފަތުރުވެރިން
  • މެއި - 64،613 ފަތުރުވެރިން
  • ޖުލައި - 101،818 ފަތުރުވެރިން
  • އޮގަސްޓް - 143،599 ފަތުރުވެރިން
  • ސެޕްޓެމްބަރު - 114،896 ފަތުރުވެރިން
  • އޮކްޓޯބަރު - 142،066 ފަތުރުވެރިން
  • ނޮވެމްބަރު - 144،725 ފަތުރުވެރިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެއީ ކޮވިޑާ ގުޅިގެން ސަރުކާރުން ފަހުން ކަނޑައެޅި އަމާޒެވެ. ފުރަތަމަ އަމާޒު ކަނޑައެޅީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 1.3 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 22.5 ޕަސަންޓަކީ އިންޑިއާ ފަތުރުވެރިންނެވެ.