މިނިސްޓްރީ އޮފް ޓޫރިޒަމް

1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ މި އަހަރުގެ ޓޫރިޒަމްގެ އަމާޒު ކަމަށްވާ 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މިއަދު މަރުހަބާ ކިޔައިފި އެވެ.

މިޝަރަފް ލިބުނީ ގަލިވް އެއާ އިން މިއަދު ހަވީރު ރާއްޖެ އައި ރުމެނީއާގެ ރައްޔިތެއް ކަމަށްވާ ކޮންސްޓެންޓައިން ސްޓޭލިއަން އެމިލް އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމިލް އަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މީގެ ފަސް އަހަރު ކުރިން ރާއްޖޭގައި ހަނީމޫން ހަދާފައިވާ އެމިލް، އާއިލާ އާއި އެކު ޗުއްޓީ އަށް އައީ ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ އަށް އެމިލް ވުމުން އޭނާ އަށް ހާއްސަ ހަދިޔާތަކެއް ދީފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރުގެ ފުރަތަމަ އަމާޒަކަށް ހެދީ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. ނަމަވެސް ފަހުން ހާލަތަށް ބަލައި 1.3 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފި އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 23 ގެ ނިޔަލަށް ރާއްޖެއަށް 1,271,020 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިހާތަނަށް މި ވަރަށް ޓޫރިސްޓުން އައި ނަމަވެސް މި އަދަދަކީ 2019 ވަނަ އަހަރު އައި 1,647,453 މީހުންނާ އަޅާބަލާނަމަ 22.8 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައި 522,135 މީހުންނާ އަޅާބަލާނަމަ 143.4 ޕަސެންޓުގެ އިތުރު އަދަދެކެވެ.

ފަތުރުވެރިން ޒިޔާރަތްކުރި ގޮތުގެ ތަފާސްހިސާބު

  • ޖެނުއަރީ - 92،103 ފަތުރުވެރިން
  • ފެބްރުއަރީ - 96،882 ފަތުރުވެރިން
  • މާޗް - 109،585 ފަތުރުވެރިން
  • އޭޕްރީލް - 91،200 ފަތުރުވެރިން
  • މެއި - 64،613 ފަތުރުވެރިން
  • ޖުލައި - 101،818 ފަތުރުވެރިން
  • އޮގަސްޓް - 143،599 ފަތުރުވެރިން
  • ސެޕްޓެމްބަރު - 114،896 ފަތުރުވެރިން
  • އޮކްޓޯބަރު - 142،066 ފަތުރުވެރިން
  • ނޮވެމްބަރު - 144،725 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ތަކުން މުޅި އަހަރު ދުވަހަށް ބަލާއިރު ރާއްޖޭގެ އެވްރެޖު ޓޫރިސްޓު އެރައިވަލް ނުވަތަ ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 3,570 ގަ އެވެ. އަދި ޓޫރިސްޓުން އެވްރެޖުކޮށް ރާއްޖޭގައި ތިބެނީ 8.7 ދުވަހު އެވެ.