ކެނދިކުޅުދޫ

"ރަށު ފަތުރުވެރިކަމަށް ސަރުކާރުގެ އެހީ ބޭނުންވޭ"

ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފި އެވެ.

ކެނދިކުޅުދޫ ކައުންސިލަރުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވާފައެވެ. މި ބައްދަލްވުމުގައި އެ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ވަނީ ރައީސްގެ ސަމާލު ކަމަށް ގެންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުންވެސް، ކުނި ނައްތާލުމުގައި ދިމާވާ ދަތިތަކާއި، އަތޮޅުގައި ހުރި އިޖްތިމާއީ އެކި އެކި މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ހިދުމަތް ބޭނުންވާ ކަމާއި ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމާއި، ބޭސް ފިހާރައިގެ ހިދުމަތް 24 ގަޑި އިރު ނުލިބުމުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

އަދި ކެނދިކުޅުދޫ ސްކޫލަށް ބޭނުންވާ ބައެއް ވަސީލަތްތަކާއި، ރަށުގެ ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާތީދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ. މީގެއިތުރުން ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ކައުންސިލަރުން ވަނީ ފާހަގަކޮށްފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވިސްނުންތެރިކަމާއެކު ވީ އެންމެ އަވަހަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.