ގްރީން ޓެކްސް

ގްރީން ޓެކްސް އާމްދަނީ އިތުރުވެއްޖެ

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 976 މިލިއަން ރުފިޔާ ލިބިފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 919 މިލިއަން ރުފިޔާއަށްވުރެ 57 މިލިއަން ރުފިޔާ -- 6.2 ޕަސެންޓް އިތުރުވުމެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

ގްރީން ޓެކްސް ނަގާ ރޭޓް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ އެވެ.

އެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގާ ތިން ޑޮލަރުގެ ބަދަލުގައި ދެން ނަގާނީ ހަ ޑޮލަރެވެ.

މީގެ އިތުރުން ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް މިހާރު ނަގާ ހަ ޑޮލަރުގެ ބަދަލުގައި ދެން ނަގާނީ 12 ޑޮލަރެވެ. ނަމަވެސް އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން މި ޓެކްސް ނެގުމުން އިސްތިސްނާވާނެ އެވެ.