ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުން މިދިޔަ އަހަރު އެކި މަޝްރޫއުތަކަށް 536.4 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑުގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ފަންޑުގައި ޖުމްލަ 1.2 ބިލިއަން ރުފިޔާ ހުއްޓެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފެށުނުއިރު ގްރީން ފަންޑުގައި ހުރީ 752 މިލިއަން ރުފިޔާ އެވެ. އަދި ގްރީން ފަންޑަށް މިދިޔަ އަހަރު 999 މިލިއަން ރުފިޔާ ޖަމާވި އެވެ.
ގްރީން ފަންޑު އާމްދަނީ އާއި ހަރަދު މަހުން މަހަށް
- ޖެނުއަރީ -- އާމްދަނީ: 100 މިލިއަން ރުފިޔާ | ހަރަދު: 74.5 މިލިއަން ރުފިޔާ
- ފެބްރުއަރީ -- އާމްދަނީ: 91.8 މިލިއަން ރުފިޔާ | ހަރަދު: 65.9 މިލިއަން ރުފިޔާ
- މާޗް -- އާމްދަނީ: 105 މިލިއަން ރުފިޔާ | ހަރަދު: 77.4 މިލިއަން ރުފިޔާ
- އެޕްރީލް -- އާމްދަނީ: 94.9 މިލިއަން ރުފިޔާ | ހަރަދު: 35 މިލިއަން ރުފިޔާ
- މޭ -- އާމްދަނީ: 83 މިލިއަން ރުފިޔާ | ހަރަދު: 7 މިލިއަން ރުފިޔާ
- ޖޫން -- އާމްދަނީ: 50.2 މިލިއަން ރުފިޔާ | ހަރަދު: 26 މިލިއަން ރުފިޔާ
- ޖުލައި -- އާމްދަނީ: 91 މިލިއަން ރުފިޔާ | ހަރަދު: 69.8 މިލިއަން ރުފިޔާ
- އޮގަސްޓް -- އާމްދަނީ: 69.5 މިލިއަން ރުފިޔާ | ހަރަދު: 78 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު -- އާމްދަނީ: 53.2 މިލިއަން ރުފިޔާ | ހަރަދު: 29.3 މިލިއަން ރުފިޔާ
- އޮކްޓޫބަރު -- އާމްދަނީ: 92.5 މިލިއަން ރުފިޔާ | ހަރަދު: 27.3 މިލިއަން ރުފިޔާ
- ނޮވެމްބަރު -- އާމްދަނީ: 84.3 މިލިއަން ރުފިޔާ | ހަރަދު: 24.6 މިލިއަން ރުފިޔާ
- ޑިސެމްބަރު -- އާމްދަނީ: 81.9 މިލިއަން ރުފިޔާ | ހަރަދު: 24.6 މިލިއަން ރުފިޔާ
އެ ފަންޑުން ހޭދަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.