ގްރީން ޓެކްސް

ގްރީން ފަންޑްގައި އެއް ބިލިއަން ރުފިޔާ

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު އެއް ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑްގެ އެންމެފަހުގެ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ގްރީން ފަންޑުގައި 1.1 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފެށުނުއިރު ގްރީން ފަންޑުގައި ހުރީ 752 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 917 މިލިއަން ރުފިޔާ ޖަމާވިއިރު އެ ފަންޑުން 517 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

އެ ފަންޑުން ހޭދަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.