ގްރީން ޓެކްސް

ގްރީން ފަންޑުގެ ހަތަރު މަހުގެ ހަރަދު 254 މިލިއަނަށް

ގްރީން ފަންޑުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 254 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ގްރީން ފަންޑުން 254.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ފަންޑުން ކުރި ހޭދައަށްވުރެ 64.9 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ގްރީން ފަންޑުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 319.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ގްރީން ފަންޑުގެ ހަރަދު މަހުން މަހަށް

  • ޖެނުއަރީ - 75.5 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 66 މިލިއަން ރުފިޔާ
  • މާޗް - 77.4 މިލިއަން ރުފިޔާ
  • އެޕްރީލް - 35.8 މިލިއަން ރުފިޔާ

ގްރީން ފަންޑުން އެޕްރީލް މަހު ހިންގި މަޝްރޫއުތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އިތުރުން ކުނި ނައްތާލުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހު ގްރީން ފަންޑަށް ލިބުނު 94.9 މިލިއަން ރުފިޔާއާއެކު ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ގްރީން ފަންޑަށް 393 މިލިއަން ރުފިޔާ ލިބުނެވެ.

ގްރީން ފަންޑަށް އެޕްރީލް މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ގްރީން ފަންޑަށް އެޕްރީލް މަހު 33.3 މިލިއަން ރުފިޔާ ހިމެނެ އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.