ދައުލަތަށް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ލިބުނު ޑޮލަރު އާމްދަނީގެ ގޮތުގައި 851 މިލިއަން ޑޮލަރު -- 13 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 12 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 758 މިލިއަން ޑޮލަރު -- 11.9 ބިލިއަން ރުފިޔާ އެވެ.
ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ.
އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 518 މިލިއަން ޑޮލަރު -- 7.98 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 390 މިލިއަން ޑޮލަރު -- ހަ ބިލިއަން ރުފިޔާ އެވެ.
ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ދަށަށް ގޮސްފަ އެވެ. އެގޮތުން ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިއަހަރު 90 މިލިއަން ޑޮލަރު -- 1.4 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 101 މިލިއަން ޑޮލަރު -- 1.6 ބި؛ލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި މިއަހަރު 59 މިލިއަން ޑޮލަރު -- 909.8 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 58 މިލިއަން ޑޮލަރު -- 894.4 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރު 59 މިލިއަން ޑޮލަރު -- 909.8 މިލިއަން ރުފިޔާ ލިބުނުއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 58 މިލިއަން ޑޮލަރު -- ނ-- 894.4 މިލިއަން ރުފިޔާ އަދި އިންކަމް ޓެކްސްގެ ގޮތުގައި 54 މިލިއަން ޑޮލަރު --- 832.7 މިިލިއަން ރުފިޔާވެސް ލިބިފައިވެ އެވެ.