މީރާ

ރެކޯޑް އަދަދެއް: ޖެނުއަރީގެ އާމްދަނީ 3.4 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ މަހު -- ޖެނުއަރީގައި އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ އަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއަށް ވުރެ 43.1 ޕަސަންޓް އިތުރުވުމެކެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 43.6 ޕަސަންޓް އިތުރު މިންވަރެކެވެ.

އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އާއި އެއާޕޯޓް ޓެކުހާއި ފީގެ އިތުރުން ޓޫރިޒަމް ބިމު ކުލި އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ.

ފަތުރުވެރިންގެ އަދަދު އިތުރުވުމަކީވެސް ޖެނުއަރީ މަހުގެ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެ އެވެ.

އެންމެ ބޮޑު އާމްދަނީއެއް މީރާއަށް މިދިޔަ މަހު ލިބުނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް -- ޖީއެސްޓީ އިންނެވެ. 47.7 ޕަސަންޓް -- 1.62 ބިލިއަން ރުފިޔާ ލިބުނީ ޖީއެސްޓީ އިންނެވެ.

މީގެތެރޭގައި ޖެނެރަލް ސެކްޓާ -- ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ލިބުނު 397.4 މިލިއަން ރުފިޔާ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 1.22 ބިލިއަން ރުފިޔާ ހިމެނެ އެވެ.

މީރާއަށް ޖެނުއަރީ މަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސްއިންނެވެ. އެއީ 1.29 ބިލިއަން ރުފިޔާ -- 38.1 ޕަސަންޓެވެ.

މީރާއަށް މިދިޔަ މަހު ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކުހުންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ޖެނުއަރީ މަހު 100 މިލިއަން ރުފިޔާ ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 94 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.6 މިލިއަން ރުފިޔާ ލިބުނެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ޖެނެރަލް ޖީއެސްޓީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ އަދި ޓީޖީއެސްޓީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ގްރީން ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މީރާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 22 ބިލިއަން ރުފިޔާ ލިބުނެވެ. މިއަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 32 ބިލިއަން ރުފިޔާ އެވެ.