މީރާ

ޑޮލަރު އާމްދަނީ 654 މިލިއަނަށް

ދައުލަތަށް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ލިބުނު ޑޮލަރު އާމްދަނީ 654.7 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 588.5 މިލިއަން ޑޮލަރެވެ.

ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ.

އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް މީރާއަސް 397 މިލިއަން ޑޮލަރު ދައުލަތަށް ލިބުނެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް 62.9 މިލިއަން ޑޮލަރު ދައުލަތަށް ލިބުނުއިރު އިންކަމް ޓެކްސްގެ ގޮތުގައި 52 މިލިއަން ޑޮލަރު ލިބުނެވެ.

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 44 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 44 މިލިއަން ޑޮލަރު އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 43 މިލިއަން ޑޮލަރު މި މުއްދަތުގައި މީރާއަށް ލިބިފައިވެ އެވެ.