މީރާ

ޑޮލަރު އާމްދަނީ 704 މިލިއަނަށް

ދައުލަތަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބުނު ޑޮލަރު އާމްދަނީ 704 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އަށް ޕަސަންޓް އިތުރުވެފަ އެވެ.

ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް ލިބުނީ 647 މިލިއަން ޑޮލަރެވެ.

ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ.

އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް 418 މިލިއަން ޑޮލަރު ލިބުނެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް 78 މިލިއަން ޑޮލަރު ދައުލަތަށް ލިބުނުއިރު އިންކަމް ޓެކްސްގެ ގޮތުގައި 53 މިލިއަން ޑޮލަރު ލިބުނެވެ.

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 48 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 49 މިލިއަން ޑޮލަރު އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 48 މިލިއަން ޑޮލަރު މި މުއްދަތުގައި މީރާއަށް ލިބިފައިވެ އެވެ.