މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ނޮވެމްބަރު މަހު 1.89 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.2 ޕަސެންޓް އިތުރު އަދި އެމަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 19.7 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ފާއިތުވި ނޮވެންބަރުގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބުމެވެ.
މީރާ އިން ބުނީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވާ ކަމަށާއި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް ނޮވެމްބަރު މަހު އިތުރުވެފައިވާ ކަމަށެވެ.
މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 57.9 ޕަސެންޓެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އިންނެވެ. އެއީ 9.1 ޕަސެންޓް ނުވަތަ 171.62 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 93.14 މިލިއަން ރުފިޔާ ލިބުނުއިރު އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 91.45 މިލިއަން ރުފިޔާ ލިބުނެވެ.
މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 88.17 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.