މީރާއަށް މި އަހަރުގެ އެޕްރީލް މަހު 2.1 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.6 ޕަސެންޓް އަދި މި އަހަރުގެ އެޕްރީލް މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4.8 ޕަސެންޓް ގިނަ އަދަދެކެވެ. އެޕްރީލް މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 91.8 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
މީރާއިން ހާމަކުރި ގޮތުގައި 2023 ވަނަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އެޕްރީލް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އާއި އެއާޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ. އެއީ 68.7 ޕަސެންޓް ނުވަތަ 1.45 ބިލިއަން ރުފިޔާ އެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. 148.8 މިލިއަން ރުފިޔާ ނުވަތަ ހަތް ޕަސެންޓެވެ.
މީގެ އިތުރުން އެއާޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 108.7 މިލިއަން ރުފިޔާ ލިބުނުއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 106.3 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 105.7 މިލިއަން ރުފިޔާ ލިބުނެވެ.