އެއާޕޯޓް ޓެކުހާއި ފީ އިން މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11 ޕަސެންޓް އިތުރުވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއާޕޯޓް ޓެކުހާއި ފީގެ ތެރޭގައި ހިމެނޭ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 86.5 މިލިއަން ޑޮލަރު -- 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އޭޑީއެފް އަދި ޑިޕާޗާ ޓެކުހުން ދައުލަތަށް ލިބުނު 77.3 މިލިއަން ޑޮލަރު -- 1.1 ބިލިއަން ރުފިޔާއަށްވުރެ 141.5 މިލިއަން ރުފިޔާ އިތުރުވުމެކެވެ.
ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރު 658 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި 673 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
ޑިޕާޗާ ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން އައި އެއާޕޯޓް ސާވިސް ޗާޖް އުވާލުމަށްފަހު ޑިޕާޗާ ޓެކްސް ނަގަން ފެށީ ޖެނުއަރީ 2022 އިން ފެށިގެންނެވެ. މި ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ.
އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މީގެ ތެރޭގައި ޓްރާންސިޓް ފަސިންޖަރުންވެސް ހިމެނެ އެވެ. މި ފީ އިން އިސްތިސްނާ ވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފްލައިޓަކުން ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންނެވެ.
ގާނޫނަށް އިސްލާހު ގެނެސް، އޭޑީއެފް ނަގާ ރޭޓަށް ޖެނުއަރީ 1، 2022 އިން ފެށިގެން ވަނީ ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން އިނޮނޮމިކް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ނަގާއިރު ބިދޭސީއެއް ނަމަ 30 އެމެރިކާ ޑޮލަރު ނަގަ އެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގާއިރު ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުން އަތުން 120 ޑޮލަރު ނަގަ އެވެ. ޑިޕާޗާ ޓެކްސް ވެސް ނަގަނީ އެ ރޭޓުގަ އެވެ.