އޭޑީއެފް

އެއާޕޯޓް ޓެކްސް އާމްދަނީ 31 ޕަސަންޓް އިތުރުވެއްޖެ

އެއާޕޯޓް ޓެކުހާއި ފީގެ ތެރޭގައި ހިމެނޭ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ 31 ޕަސަންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޭޑީއެފް އާއި ޑިޕާޗާ ޓެކުހުން ލިބުނީ 342.7 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޭޑީއެފްގެ ގޮތުގައި ލިބުނު 174.1 މިލިއަން ރުފިޔާ އާއި ޑިޕާޗާ ޓެކުހުން ލިބުނު 168.6 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އޭޑީއެފް އާއި ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީއަށްވުރެ 31 ޕަސަންޓް އިތުރުވުމެކެވެ.

އޭޑީއެފް އާއި ޑިޕާޗާ ޓެކުހުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 260.4 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އޭޑީއެފްގެ ގޮތުގައި 130.8 މިލިއަން ރުފިޔާ ލިބުނުއިރު ޑިޕާޗާ ޓެކުހުން ލިބުނީ 129.6 މިލިއަން ރުފިޔާ އެވެ.

އޭޑީއެފްގެ ގޮތުގައި 870.6 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 870.6 މިލިއަން ރުފިޔާ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން އައި އެއާޕޯޓް ސާވިސް ޗާޖް މިހާރު ވަނީ އުވިފަ އެވެ. އެއާޕޯޓް ސާވިސް ޗާޖު އުވުނީ ޑިސެމްބަރު 31، 2021 އިން ފެށިގެން ނެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި މިިހާރު ނަގަނީ ޑިޕާޗާ ޓެކުހެވެ. އެ ޓެކްސް ނަގަން ފެށީ ޖެނުއަރީ 2022 އިން ފެށިގެންނެވެ.

އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މީގެ ތެރޭގައި ޓްރާންސިޓް ފަސިންޖަރުންވެސް ހިމެނެ އެވެ. މި ފީ އިން އިސްތިސްނާ ވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފްލައިޓަކުން ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންނެވެ.

ގާނޫނަށް އިސްލާހު ގެނެސް، އޭޑީއެފް ނަގާ ރޭޓަށް ޖެނުއަރީ އެކެއް، 2022 އިން ފެށިގެން ވަނީ ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އިނޮނޮމިކް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ނަގާއިރު ބިދޭސީއެއް ނަމަ 30 އެމެރިކާ ޑޮލަރު ނަގަ އެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުން އަތުން 60 ޑޮލަރު ނަގާއިރު ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުން އަތުން 120 ޑޮލަރު ނަގަ އެވެ. ޑިޕާޗާ ޓެކްސް ވެސް ނަގަނީ އެ ރޭޓުގަ އެވެ.

އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި ޑިޕާޗާ ޓެކްސް ވެސް ނަގަން ފެށީވެސް ޖެނުއަރީ އެކެއް، 2022 އިން ފެށިގެންނެވެ. މިއީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނެގޭ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެ އެވެ.