މީރާ

މިދިޔަ މަހު މީރާއަށް 1.7 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި 1.72 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 18.6 ޕަސަންޓް އިތުރު އަދަދެކެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 20.8 ޕަސަންޓް ދަށް އަދަދެކެވެ.

މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށްވުރެ މިއަހަރުގެ ފެބްރުއަރީ މަހު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި އެއާޕޯޓް ޓެކްސްގެ އާމްދަނީ އިތުރުވުމެވެ.

އޭގެ އިތުރުން ޖެނުއަރީ 2022 އާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 30.9 ޕަސަންޓް އިތުރުވުމާއި ޖީއެސްޓީ ރޭޓު ބޮޑުވުމަކީ ފެބްރުއަރީ މަހު ލިބުނު އާމްދަނި އިތުރުވި ސަބަބެއްގެ ގޮތުގައި މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

އަންދާޒާކުރި އަދަދަށްވުރެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ މަދުވި ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރީ އަންދާޒާކުރި އަދަދަށް ޖީއެސްޓީ އާމްދަނީ ނުލިބުމެވެ.

މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. 1.18 ބިލިއަން ރުފިޔާ -- 68.9 ޕަސަންޓަކީ ޖީއެސްޓީ އާމްދަނީ އެވެ. އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 182.04 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ފެބްރުއަރީ މަހުގެ އާމްދަނީގެ 10.6 ޕަސަންޓެވެ. ގްރީން ޓެކުހުގެ ގޮތުގައި 91.87 މިލިއަން ރުފިޔާ ލިބުނުއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 81.87 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުން 78.84 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

މީރާއަށް ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ ތެރޭގައި 73.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.