ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ މަހު -- ޖެނުއަރީގައި ޑޮލަރުން ލިބުނު އާމްދަނީ 112.8 މިލިއަން ޑޮލަރު -- 1.7 ބިލިއަން ރުފިޔާ އަރައިފި އެވެ.
މީރާގެ މިއަހަރުގެ ޖެނުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީއަށްވުރެ މިއަހަރުގެ ޖެނުއަރީގައި އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި މީރާއަށް ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނީ 74.9 މިލިއަން ޑޮލަރު -- 1.1 ބިލިއަން ރުފިޔާ އެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީއިންނެވެ. ޑޮލަރު އާމްދަނީގެ 70.8 ޕަސަންޓަކީ ޓީޖީއެސްޓީން ލިބުނު އާމްދަނީ އެވެ.
ޓީޖީއެސްޓީގެ ގޮތުގައި 79.89 މިލިއަން ޑޮލަރު -- 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
ޑޮލަރުން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ޖެނުއަރީ މަހު ލިބުނީ އިންކަމް ޓެކުހުންނެވެ. އެގޮތުން 7.1 މިލިއަން ޑޮލަރު -- 109 މިލިއަން ރުފިޔާ ލިބުނެވެ.
ގްރީން ޓެކުހުގެ ގޮތުގައި 6.5 މިލިއަން ޑޮލަރު -- 100 މިލިއަން ރުފިޔާ ލިބުނުއިރު ޓޫރިޒަމް ބިމު ކުލިން 6.1 މިލިއަން ޑޮލަރު -- 94 މިލިއަން ރުފިޔާ ލިބުނެވެ.
ޑޮލަރުން ދެން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ -- އޭޑީއެފްގެ ގޮތުގަ އެވެ. އޭޑީއެފްގެ ގޮތުގައި 5.8 މިލިއަން ޑޮލަރު -- 89 މިލިއަން ރުފިޔާ ޖެނުއަރީ މަހު ދައުލަތަށް ލިބުނެވެ.
މީރާއަށް ޖެނުއަރީގައި ޑޮލަރުން ބޮޑު އާމްދަނީއެއް ލިބުނުއިރު ބާޒާރުގައި ޑޮލަރެއްގެ ރޭޓަކީ 17 ރުފިޔާ އެވެ.
މީރާއަށް ޖެނުއަރީ މަހު ޑޮލަރުން ލިބުނު އާމްދަނީ 112 މިލިއަނަށް އަރާފައިވާއިރު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 789.9 މިލިއަން ޑޮލަރެވެ.