މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ ވަނީ 15.5 ޕަސެންޓް އިތުރުވެފަ އެވެ.
އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި މީރާއަށް ލިބުނީ 10.9 ބިލިއަން ރުފިޔާ އެވެ.
މީރާއިން ހާމަކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 483 މިލިއަން ޑޮލަރު ހިމެނެ އެވެ.
މީރާއަށް ލިބުނު އާމްދަނީ މަހުން މަހަށް
- ޖެނުއަރީ: 3.6 ބިލިއަން ރުފިޔާ
- ފެބްރުއަރީ: 2.3 ބިލިއަން ރުފިޔާ
- މާޗް: 2.9 ބިލިއަން ރުފިޔާ
- އެޕްރީލް: 2.1 ބިލިއަން ރުފިޔާ
- މޭ: 1.6 ބިލިއަން ރުފިޔާ
މީރާއިން މިމަހު އާންމުކުރި މޭ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޭ މަހު ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރުގެ މޭ މަހު ލިބުނު އާމްދަނީއަށްވުރެ 4.8 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް މި އަހަރުގެ މޭ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 0.8 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު މި އަހަރުގެ މޭ މަހު ލިބުނު އާމްދަނީ ދަށްވީ ކޯޕަރޭޓް އިންކަމް ޓެކުހާއި ޖީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުމުގެ ސަބަބުންނެވެ.
އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވީ ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ބުނެ އެވެ.
މީރާއިން ހާމަކުރި ގޮތުގައި މިއަހަރުގެ މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. މޭ މަހު ޖީއެސްޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ މީރާއަށް ބަލައިގަނެފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 66.1 ޕަސެންޓެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި މޭ މަހު މީރާއަށް 149.3 މިލިއަން ރުފިޔާ ލިބުނެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 96.5 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 93.6 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 25.8 މިލިއަން ރުފިޔާ ލިބުނެވެ.