ފިނޭންސް މިނިސްޓްރީ

މިދިޔަ އަހަރު ލިބުނު އާމްދަނީ 27 ބިލިއަނަށް

ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 27.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ އެ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 3.3 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާ އެވެ.

އާމްދަނީގެ 70 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އެވެ. ޓެކްސް އާމްދަނީ އިން 19.2 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކްސް ނޫން އާމްދަނީން 8.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ. އަދި އެހީގެ ގޮތުގައި 331.7 މިލިއަން ރުފިޔާ ލިބުނެވެ. 2021 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 5.6 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ގިނަ ދާއިރާތަކުން އާމްދަނީގެ ގޮތުގައި އަންދާޒާކުރި މިންވަރަށް އަހަރު ނިމުމުގެ ކުރިން ދައުލަތަށް އާމްދަނީ ލިބުނެވެ.

އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީ އިން ޖުމްލަ 9.6 ބިލިއަން ރުފިޔާ ލިބުނުއިރު އޭގެ ތެރޭގައި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ލިބުނު ތިން ބިލިއަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 6.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.

އިމްޕޯޓް ޑިއުޓީން 3.3 ބިލިއަން ރުފިޔާ ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި 968.8 މިލިއަން ރުފިޔާ ލިބުނެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 820 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 802 މިލިއަން ރުފިޔާ ލިބުނެވެ.