ޓެކްސްތައް ބޮޑުކުރުމުން 2.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ އެއާޕޯޓް ޑެވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް، ގްރީން ޓެކްސް އަދި ޓީޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފަ އެވެ.
ދިވެހިރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވުމާ އެކު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީއެއްގެ އަތުން މިހާރު ނަގަމުންދާ 30 ޑޮލަރުގެ ފީ 50 ޑޮލަރަށް އުފުލިގެންދާނެ އެވެ. މިއިސްލާހުގައި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގަން ހުށަހަޅާފައިވަނީ 120 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން 240 ޑޮލަރު ނަގަންވެސް ހުށަހަޅާފައިވެ އެވެ. ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގައި ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން މިހާރު ނަގަމުން ދާ 120 ޑޮލަރުގެ ފީ 480 ޑޮލަރަށް އިތުރުކުރުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ.
މި އިސްލާހުތަކުގެ ސަބަބުން 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެ ކަމަށް މިނިސްޓްރީން ލަފާ ކުރެ އެވެ.
މީގެ އިތުރުން 100 ޕަސަންޓަށް ބޮޑުކުރުމަށް ނިންމާފައިވާ ގްރީން ޓެކްސްގެ ސަބަބުން 964 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި ޓީޖީއެސްޓީ އިން ނަގާ އިތުރު އެއް ޕަސަންޓުގެ ސަބަބުން 202 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ޓެކްސްއަށް ގެންނަން ނިންމާފައިވާ މި ބަދަލުތަކުން ލިބޭ އާމްދަނީގެ 40 ޕަސަންޓަކީ ސީދާ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ދައުލަތުގެ ޖުމްލަ އާމްދަނީ ދެ ޕަސަންޓުން އިތުރުވާނެ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސްއަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީހަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. އަދި ގްރީން ޓެކްސްއަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށަން ނިންމާފައިވާ ތާރީހަކީ އަންނަ އަހަރު ޖެނުއަރީ އެއްވަނަ ދުވަހެވެ. ޓީޖީއެސްޓީއަށް ގެނައި ބަދަލުތަކަށް އަމަލުކުރާނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.