ރައްޔިތުންގެ މަޖިލިސް

ޓެކްސް ބޮޑުކުރާ ބިލްތައް ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

އެއާޕޯޓް ޑެވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލާއި ގްރީން ޓެކްސްއާއި ޓީޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައިވާ ބިލު މަޖިލީހުން ފާސްކުރުމަށްފަހު ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ އެއާޕޯޓް ޑެވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމާބެހޭ ބިލާއި ގްރީން ޓެކްސްއާއި ޓީޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައިވާ ބިލަށް ބަހުސްކޮށްފަ އެވެ.

ބިލްތަކަށް ވަކިވަކިން ބަހުސްކޮށް، ތަޅުމުން ފާސްކުރުމަށްފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލުތައް ދިރާސާކުރުމަށް ވަނީ ފޮނުވާފަ އެވެ.

ބިލުތައް ބަލައިގަތުމަށް ވަކިވަކިން ހުޅުވާލި ވޯޓުން ބިލުތައް ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވީ 68 މެމްބަރުންނެވެ. އޭގެ ތެރެއިން 10 މެމްބަރުން ވަނީ ބިލުތައް ބަލައިނުގަތުމަށް ވޯޓު ދެއްވާފަ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ބިލުތައް ދިރާސާކުރުމަށްފަހު ބިލުތަަކާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް އެއާޕޯޓް ޑެވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް، ގްރީން ޓެކްސް އަދި ޓީޖީއެސްޓީ ބޮޑުކުރަން ބިލު ހުށަހަޅާފައިވަނީ މި މަހުގެ 14ވަނަ ދުވަހު އެވެ. ދިވެހިރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާގޮތުގައި މި ބިލުތައް ފާސްކުރުމުން 2.7 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރުވެގެންދާނެ އެވެ. ޓެކްސްއަށް ގެންނަން ނިންމާފައިވާ މި ބަދަލުތަކުން ލިބޭ އާމްދަނީގެ 40 ޕަސަންޓަކީ ސީދާ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އެވެ.