އެމްޑީޕީ

ގްރީން ޓެކްހާއި ޓީޖީއެސްޓީ ބޮޑުކުރަން އެމްޑީޕީ ދެކޮޅު

ރާއްޖެ އަންނަ ފަތުރު ވެރިންގެ އަތުން ނަގަމުންދާ ގްރީން ޓެކްހާއި ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަމުންދާ ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުންތަކެއް ލިބޭނެ ކަމަކަށްވާތީ އެ އިސްލާހުތަކަށް ތާއީދު ނުކުރައްވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ނާޒިލް މިހެން ވިދާޅުވީ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް އަދި ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑު ކުރަން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލްގެ މިއަދުގެ ބަހުސް ގައެވެ..

ނާޒިލް ވިދާޅުވީ ދައުލަތުން މިއަދު އޮތް ހާލަތުން ޓެކްސްތައް ބޮޑުކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ސަރުކާރަށް ހީވިޔަސް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޓީޖީއެސްޓީއާއި ގްރީން ޓެކްސް ބޮޑުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު ޓެކްސް ބޮޑުކުރުމާ ގުޅިގެން މި ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު، އެރައިވަލްސްތައް ބޮޑުތަނުން މަދުވެގެން ދާނެ. މީގެ ފައިދާ ކުރާނީ ކައިރި ހުރި އަވަށްޓެރި ގައުމުތަކަށް،" ނާޒިލު ވިދާޅުވި އެވެ.

ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ކުރާ މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި، އިގުތިސާދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބުނެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ އެހެން ބައެއް މެންބަރުންވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެމްޑީޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ނަތީޖާ ފެންނަވަރުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން މަސައްކަތް ނުކުރާއިރު ހަމައެކަނި ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުމަކީވެސް މުޅި މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ނޫން ކަމަށެެވެ.