ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސް ދައުލަތުގެ މީޑިއާއިން ދައްކަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.
މި ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މައުރޫފު ޒާކިރު ވިދާޅުވީ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސް ދައުލަތުގެ މީޑިއާ -- ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލްތަކުން ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކީ މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތިވެރި ފޮތް އަދި މާތް ރަސްކަލާނގެ ކަލާންފުޅަށް އިހާނެތިކޮށް ހިތައި އެއަށް ގަސްދު ބަދަލު ގެނެސް އާޔަތްތަކުގެ މާނަ އޮޅުވާލުމަށް ކުރަމުންދާ ނުރައްކާތެރި ކަމެއް ކަމަށް މައުރޫފު ވިދާޅުވި އެވެ.
މައުރޫފު އިތުރަށް ވިދާޅުވީ ވަކިވަކި ފަރުދުންނަށާއި އެކިއެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަކަން ގާއިމުކުރުމަކީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ ދަށުން ދައުލަތުގެ މީޑިއާއިން އަދާކުރަންޖެހޭ ޒިންމާއެއް ނަމަވެސް ދައުލަތުގެ މީޑިއާއިން ފުރުސަތު ދެނީ ހަމައެކަނި ސަރުކާރުގެ ވެރިންނަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ކަމަށެވެ.
މީގެ އިތުރުން ސިޔާސީ އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ހިޔާލު ތަފާތުވާ އެންމެންނާ ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށް މައުރޫފު ވިދާޅުވި އެވެ.