ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު ފާސްކުރުމާމެދު ގޮތެއް ނުނިންމައި މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ޖީއެސްޓީ ބޮޑުކުރުމާމެދު މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރަން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހުޅުވާ ލެއްވި އެވެ. ނަމަވެސް ބަހުސްކުރަން އެއްވެސް މެންބަރަކު އެދިވަޑައިނުގެންނެވި އެވެ.
ބަހުސް ކުރަން އެދިވަޑައިގަންނަވާ މެންބަރަކު ނެތްކަން އިއުލާނު ކުރައްވަމުން ހަސަން އަފީފް ވިދާޅުވީ ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށެވެ. ޖަލްސާ ނިންމާލެއްވިއިރު ތަޅުމުގައި ތިއްބެވި މެންބަރުންގެ އަދަދު ވިދާޅެއް ނުވެއެވެ.
ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ.
ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.
ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.