ޓެކްސް

އެއާޕޯޓް ޓެކްސް ބޮޑުކުރުމުގެ އިސްލާހު ތަސްދީގު ކުރައްވައިފި

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނެސްފައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުން ސްޕޮންސަކޮށްގެން ރައްޔިތުންގެ މަޖިލީހަށް މި މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އެވެ.

މަޖިލީހުން މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހު މި އިސްލާހު ފާސްކުރީ 71 މެންބަރުން ތާއީދު ވޯޓާ އެކު އެވެ. މިއިސްލާހު ފާސްކުރުމާ ދެކޮޅަށް އެ ދުވަހުގެ ޖަލްސާގައި އަށް މެންބަރުން ވޯޓު ދެއްވި އެވެ.

އިސްލާހުގައިވާ ގޮތުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ ބޮޑެއް ނުކުރެ އެވެ. އެހެންކަމުން މި އިސްލާހާއެކުވެސް އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާނީ މިހާރުވެސް ނަގަމުންދާ 12 ޑޮލަރެވެ.

މި އިސްލާހާއެކު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީއެއްގެ އަތުން މިހާރު ނަގަމުންދާ 30 ޑޮލަރުގެ ފީ 50 ޑޮލަރަށް އުފުލިގެންދާނެ އެވެ.

މިއިސްލާހުގައި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގަން ހުށަހަޅާފައިވަނީ 120 ޑޮލަރެވެ. މިހާރު ނަގަމުން ދަނީ 60 ޑޮލަރެވެ.

ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން 240 ޑޮލަރު ނަގަންވެސް ހުށަހަޅާފައިވެ އެވެ. މިހާރު ނަގަމުން ދަނީ 90 ޑޮލަރެވެ.

ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގައި ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން މިހާރު ނަގަމުން ދަނީ 120 ޑޮލަރެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވަނީ އެ އަދަދު 480 ޑޮލަރަށް އިތުރުކުރުމަށެވެ.

އިސްލާހުގައިވާ ގޮތުން ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ނަގާނީ އެއް އަދަދަކުންނެވެ.

އެއާޕޯޓް ޓެކުހާއި ފީއަށް ގެންނަ ބަދަލަށް އަމަލުކުރަން ފަށާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.