ގްރީން ފަންޑުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 727.1 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި އޮކްޓޫބަރު މަހުގެ ގްރީން ފަންޑް ރިޕޯޓުގައިވާ ގޮތުން އެ ފަންޑުން މިއަހަރު އެންމެ ބޮޑު ހޭދައެއްކުރީ އޮކްޓޫބަރު މަހު އެވެ. އެމަހު ގްރީން ފަންޑުން 154.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ގްރީން ފަންޑުން އޮކްޓޫބަރު މަހު ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިމެނެ އެވެ.
ގްރީން ފަންޑް ހަރަދު މަހުން މަހަށް
- ޖެނުއަރީ - 11.8 މިލިއަން ރުފިޔާ
- ފެބްރުއަރީ - 107.8 މިލިއަން ރުފިޔާ
- މާޗް - 140.7 މިލިއަން ރުފިޔާ
- އެޕްރީލް - 59.6 މިލިއަން ރުފިޔާ
- މޭ - 36.7 މިލިއަން ރުފިޔާ
- ޖޫން - 51.8 މިލިއަން ރުފިޔާ
- ޖުލައި - 23.9 މިލިއަން ރުފިޔާ
- އޮގަސްޓް - 107.1 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު - 32.4 މިލިއަން ރުފިޔާ
- އޮކްޓޫބަރު - 154.9 މިލިއަން ރުފިޔާ
ފެނާއި ނަރުދަމާއާ ގުޅުންހުރި 45 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 10 މަޝްރޫއެއް ގްރީން ފަންޑުން އޮކްޓޫބަރު މަހު ކުރިއަށް ގެންގޮސްފައިވެ އެވެ.
ގްރީން ފަންޑަށް އޮކްޓޫބަރު މަހު ލިބުނީ 61.6 މިލިއަން ރުފިޔާ އެވެ. ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ. އެއީ 21.9 މިލިއަން ރުފިޔާ އެވެ. ރ. އަތޮޅުން 4.7 މިލިއަން ރުފިޔާ ފަންޑަށް ލިބުނެވެ.
ފިނޭންސް މިނިސްޓްރީގެ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ގްރީން ފަންޑަށް ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ވަނީ އާމްދަނީ ލިބިފަ އެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން މިހާރު ގްރީން ޓެކްސް ނަގާނީ އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ހަ އެމެރިކާ ޑޮލަރުގެ ރޭޓުގަ އެވެ. އަދި ޓޫރިސްޓު ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުގަ އެވެ.